އަވަށްޓެރި އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިއުމަށް ނިންމާފައިވާ، ހދ.ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް، އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަމަށް ރާޢްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ އިންޑިއާ އެއަރޕޯޓް އޮތޯރިޓީގެ ޓީމެއް ހަނިމާދޫގައި މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށް ބޭނުންވާ ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ ސަރވޭގެ މަސައްކަތްތައް އެއަރޕޯޓް ސައިޓުގައި މިހާރު ފަށާފައި ވާކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.
އިންޑިއާ އެއަރޕޯޓްސް އޮތޯރިޓީގެ ޓީމުން ހަނިމާދުއަށް ކުރަމުންދާ ދަތުރުގައި ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވިއެވެ. އަދި އުތުރުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާވެސް ބައްދަލުކުރައްވައި މި މަޝްރޫޢާ ގުޅޭގޮތުން މަޝްވަރާކޮށް، މަޢުލޫމާތު ޙިއްސާކޮށްފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް، އެއެއަރޕޯޓްގެ ރަންވޭ 2200 މީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖައްސާފައެވެ. ރަންވޭ ތަރައްޤީކުރަނީ އޭ.320ގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ. އަދި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ބޮޑުކުރުމާއި، ކަރގޯ ޓަރމިނަލާއި، ފިއުލް ފަރމާއި ފަޔަރ ސްޓޭޝަން އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވިދާޅުވެފައިވަނީ މި މަޝްރޫޢު ވެގެންދާނީ، މުސްތަޤުބަލަށް އެޅޭ ތަރައްޤީގެ މުހިންމު ފިޔަވަޅަކަށްކަމަށެވެ.
މި މަޝްރޫޢާއެކު އައު ވިޔަފާރިތައް އުފެދުމަށް ދޮރުހުޅުވުމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއިންވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު، އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން.އޮފް.ކްރެޑިޓް ގެ ދަށުން ފަންޑުކުރަން ނިންމާފައެވެ. މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ގެ މަސައްކަތް ދެ މަހެއްހައި ދުވަހުގެތެރޭގައި ނިންމައި އިންޑިއާގެ އެގްޒިމް ބޭންކާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކުރާނެއެވެ.
މި މަޝްރޫއުގެ ފައިނަލް ޓެންޑަރިންގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުންނެވެ. އެގްޒިމް ބޭންކްގެ ގައިޑްލައިންތަކުގައި ވާ ފަދައިން މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބިގެންދާނެއެވެ.