މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކަށް މަސްވެރިންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ލައިސަންސް ނެގުމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ތަފާތު 12 މެނޭޖްމަންޓް ޕްލޭންއަކަށް މަސްވެރިންގެ ޙިޔާލު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ދަނީ މަސައްކަތްކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އައިމިނަތު ލުބްނާ ވިދާޅުވީ، މެނޭޖްމަންޓް ޕްލޭންތަކަށް މަސްވެރިންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ވަކި ޙާއްސަ ލައިސަންސްއެއް ނަގަންޖެހުންކަމަށެވެ. ނަމަވެސް ލައިސަންސް ނެގުމުގެ އުސޫލްތަކާއި އެކަން އޮންނަގޮތް މިނިސްޓްރީން މަސްވެރިންނަށް ކިޔައިދެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑްގެ ދުވަސްވަރު ލައިސަންސްއެއް ނަގަންޖެހުމުން ފީ ކުޑަކޮށްދޭން ނުވަތަ ފުރަތަމަ ނަގާ ލައިސަންސުން ފީ ކަނޑާލަދޭން މަސްވެރިން އެދެމުން އަންނަކަމަށް ލުބްނާ ވިދާޅުވިއެވެ.
"ކަނޑުމަހުގެ މަސްވެރިކަން ނަގާފައި އެހެން މަސްވެރިކަމުގައި މައިގަނޑު ކަންބޮޑުވުމަކީ ލައިސަންސް އާއި ގުޅޭގޮތުން. އަޅުގަނޑުމެން މިހާރު އެކްސްޕްލެއިން ކޮށްދީފައި އިންނާނެ ލައިސަންސް ކުރުމުގެ މުހިންމުކަން. މި ޤާނޫނުގެ ދަށުން ހުންނަ ކަންކަމަށް ވިޒިބަލްވާނީ ލައިސަންސް އޮންނަ ވެސަލްތައްކަން ކިޔައިދިނީމައި އެކޮޅުން ތަރުހީބުދޭ. ކޯވިޑްގެ ދުވަސްވަރު ލައިސަންސްއެއް ނަގަންޖެހުނީމައި ފީއާއިއެއްޗެހި ކުޑަކޮށްލަދޭށޭ ނޫނީ ފުރަތަމަ ނަގާ ލައިސަންސުން ފީ ކަނޑާލަދޭށޭ. އެކަހަލަ ކޮންސަރންސް ހުރީ މަސްވެރިންގެ" ލުބްނާ ވިދާޅުވިއެވެ.
މިހާރު އޮންނަ އުސޫލުގެ ދަށުން ބިދޭސީން ގެންގުޅުމުގެ ހުއްދަ ދެނީ އެކްސްޕޯޓަރުންނަށް މަސްވިއްކާ ކަނޑުމަހުގެ މަސްވެރިކަމުގެ އުޅަނދުތަކަށް އެކަންޏެވެ. އެއީވެސް މަސްވެރިކަން ފިޔަވައި އެހެނިހެން މަސައްކަތްތަކަށެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އެހެން ބާވަތްތަކުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ބިދޭސީން ގެންގުޅެވޭނެތޯ މަސްވެރިން ސުވާލުކުރަމުންދާކަމަށެވެ. އަދި މިކަމަށް މިިނިސްޓްރީން ކޮށްދެވެންހުރި މަސައްކަތެއް ކޮށްދޭނެކަމުގެ ޔަޤީންކަން މަސްވެރިންނަށް ދެމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
2018 ވަނަ އަހަރު ކައުންސިލްތަކާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް މަސްވެރިކަން ހުރިގޮތުގެ ޕްލޭންއެއް ހަދާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ، މެނޭޖްމަންޓް ޕްލޭންއަށް ޙިޔާލު ހޯދަން ވަގުތު ކުޑަވުމުގެ ސަބަބުން އެ ސަރވޭއިން އެންމެ ގިނައިން މަސްވެރިކަން ކުރާ ރަށްރަށްކަމަށް ފާހަގަވި ރަށްރަށުގެ މަސްވެރިންގެ ޙިޔާލު ހޯދަމުން އަންނަކަމަށެވެ.
މިހާރު 3 ރަށެއްގެ މަސްވެރިންނަށް ގުޅައި މެނޭޖްމަންޓް ޕްލޭންތަކަށް ވަނީ ޙިޔާލު ހޯދާފައެވެ. އެއީ ފ. ފީއަލި، ބ.ފެހެންދޫ އަދި މ. ދިއްގަރެވެ.
މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންއަށް އެ މިނިސްޓްރީން މިހާރު ވަނީ އާންމުންގެ ޙިޔާލުވެސް ހޯދާފައެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މަސްވެރިކަމުގެ މެނޭޖްމަންޓް 12 ޕްލޭންއެއް ހަދަން ލިބުނީ 1 އަހަރުކަމަށާއި، އަދި ކޯވިޑް އައުމުގެ ސަބަބުން މަސްވެރިންގެ ޙިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ނުލިބުނުކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ހަފްތާގެ ކުރީކޮޅު މެނޭޖްމަންޓް ޕްލޭންތަކަށް ބަންޑާރަނާއިބުގެ ލަފަޔަކަށް އެދުމަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށެވެ.