ޚަބަރު

ކޯވިޑް-19 : ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ރެންޑަމް ސާމްޕަލް ނަގައި ޓެސްޓު ކުރަނީ


މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ކޯވިޑް-19ގެ ރެންޑަމް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ހޯނޑެއްދޫއިން ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނުމުގެ ކުރިންވެސް ރާއްޖޭގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް، އެކި ރަށްތަކުން ރެންޑަމް ސާމްޕަލްތަކެއް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މީގެތެރޭގައި ބަލި ފެނިފައިވާ ރަށްތަކާއި، އަދި ބަލި ނެތް ރައްތަކުންވެސް ރެންޑަމް ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މި މަސައްކަތަކީ ރާއްޖޭގެ ރަށްތަކުގައި ބަލި އުޅޭތޯ ބެލުމަށް ކުރިއަށްގެންދަން ނިންމި މަސައްކަތެއް ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ބަލި ފެނުން ރަށްތަކުންވެސް ރަށުތެރޭގައި ބަލި އުޅޭތޯ ބެލުމަށް ޓެސްޓު ހަދާފައިވާނެ. އަދި މިހާރުވެސް ކުރިއަށްދޭއެބަ. މިހާރުވަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދުތައް ކަވަރކުރެވޭގޮތަށް ރެންޑަމް ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްތަކެއް ފަށާފައި. މިއީ ވަކި މުއްދަތެއްގެ ތެރޭގައި ހުރިހާ ހިސާބެއްގައި ކުރިއަށްގެންދެވޭނެ މަސައްކަތެއް." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރަށްރަށަށް ކަރަންޓީންއަށްދާ ގިނަ މީހުންތަކެއް އަންނަނީ ކޯވިޑަށް ޕޮޒިޓިވްވަމުންނެވެ. މިވަގުތުވެސް 35 ރަށަކާއި، 22 ރިސޯޓަކުންވަނީ މިގޮތަށް ކޭސްތައް ފެނިފައެވެ. މިކަމާއި ގުޅިގެން ރަށްރަށުގައި ތިބި ކޮވިޑް ޓާސްކްފޯސްތަކަށް އިތުރު ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދާކަމަށްވެސް ޑރ.ނަޒްލާ ވިދަޅުވިއެވެ.

"ރަށްތަކުގެ ޓާސްކްފޯސްތައް ހަރުދަނާކޮށް މަޢުލޫމާތުދީ، ދިމާވެދާނެ ޙާލަތަކަށް ތައްޔާރުވުމަށް މަޢުލޫމާތު ދިނުމުގެ ކޮންފަރެންސްތައް އޮންލައިންކޮށްދަނީ ބާއްވަމުން. އަދި ރިފްރެޝަރ ޓްރެއިނިންގްތައްވެސް އެބަ ކުރިއަށްގެންދަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 އަތޮޅުތަކުގައި ފެތުރިދާނެ ޙާލަތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ފަސް ސަރަޙައްދުގައިވަނީ ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި މެޑިކަލް ފެސިލިޓީތައް ޤާއިމުކޮށްފައެވެ. އަދި މިތަންތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށްވަނީ ތަމްރީންތައްދީފައެވެ.