ޚަބަރު

ފިލްމް އެވޯޑްގެ ނަތީޖާ ރިވިއުކުރުމަށް ބަޔަކާ ހަވާލުކޮށްފި


ނޭޝަނަލް ސެންޓަރ ފޯ ދި އާރޓްސް، އެން.ސީ.އޭއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފިލްމް އެވޯޑްސްގެ ނަތީޖާ ރިވިއު ކުރުމަށް އެމް.އެޗް.ޕީ.އޭއާ ހަވާލުކޮށްފިއެވެ.މިއަދު ޓީވީއެމްގެ ސްޓޫޑިއޯގައި އޮތް ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެމްއޯޔޫއެއްގައިވަނީ ސޮއިކޮށްފައެވެ.ނޭޝަނަލް ސެންޓަރ ފޯ ދި އާރޓްސްގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރުމަށްފަހު، ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ އަބްދުﷲ މުޢާޒު ވިދާޅުވީ ފިލްމް އެވޯޑުގެ ނަތީޖާ ރިވިއު ކުރުމަށް ވަކި ފަރާތަކާ ހަވާލުކުރުމުގެ ސަބަބުން މި އެވޯޑަށް އާންމުންނާއި، ފިލްމީ ދާއިރާގެ ފަރާތްތަކުން ކުރާ އިތުބާރު ބޮޑުވެގެން ދާނެކަމަށެވެ. އަދި މި އެމްއޯޔޫގައި ސޮއިކުރެވުމާއެކު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 6 ވަނަ ޤައުމީ ފިލްމް އެވޯޑްގެ ޖަޖުން ދެއްވާ މާރކްސްތައް އެއްކޮށް، އެމާރކްސްތައް ރިވިއުކޮށް ފިލްމް އެވޯޑްސްގެ ގްރޭންޑް ފިނާލޭއާ ހަމައަށް ގެންދިއުމުގެ ޒިންމާ އަދާކުރާނީ އެމް.އެޗް.ޕީ.އޭއިން ކަމަށެވެ."ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮޑިޓް ފާރމަކާ ގުޅިގެން މިފަދަ މަސައްކަތެއް މިކުރަނީ. ބޭނުމަކީ އެވޯޑް ހަފްލާއާމެދު ފިލްމީ ދާއިރާގެ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުން" - މުއާޒު ވިދާޅުވިއެވެ.އެމް.އެޗް.ޕީ.އޭގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރުމަށްފަހު އެފާރމްގެ މެނޭޖިންގ ޕާރޓަނަރ ރިފާއަތު ޖަލީލް ވިދާޅުވީ ފިލްމް އެވޯޑުގެ ނަތީޖާއާމެދު އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ޕްރޮފެޝަނަލް ކަމާއެކު މިމަސައްކަތް ކުރާނެކަމަށެވެ. އަދި މިމަސައްކަތް ކުރާނީ ބޭރުގެ ޤައުމުތަކުން މިކަންކަން ކުރާ އުސޫލުންކަމަށް އޭނާ ވިދާޅުވިއެވެ. 6 ވަނަ މޯލްޑިވްސް ފިލްމް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަދުވަހުއެވެ.