ވިޔަފާރި

މެރިން ޑްރީމްގައި ބީއެމްއެލްއިން ހިންގާ އޭޓީއެމް ވަގުތީގޮތުން ބަންދުކޮށްފި


ހ.މެރިން ޑްރީމްގައި ބީއެމްއެލްއިން ހިންގާ އޭޓީއެމް ސެންޓަރ ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ ހެންވޭރުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަކިގޮތެއް އަންގަންދެން ވަގުތީގޮތުން އެ ބޭންކުން ހ. މެރިން ޑްރީމްގައި ހިންގަމުން އަންނަ އޭޓީއެމްގެ ޙިދުމަތް މެދުކަނޑާލާފައިވާކަމަށެވެ. ބީއެމްއެލްއިން މެރިން ޑްރީމްގައި ހިންގާ އޭޓީއެމް ސެންޓަރު ހުންނަނީ ރޭ އަލިފާނުގެ ހާދިސާ ހިނގި އިމާރާތާއި ވަރަށް ކައިރީގައެވެ. މި އޭޓީއެމް ސެންޓަރު ވަގުތީގޮތުން ބަންދުކުރިނަމަވެސް މާލޭ ސަރަހައްދުގައި ހުރި އެ ބޭންކުގެ އެހެން އޭޓީއެމް ސެންޓަރުތަކުން ކަސްޓަމަރުންނަށް ޙިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ހ.މެރިން ޑްރީމްގައި ބީއެމްއެލްއިން ހިންގާ އޭޓީއެމްއަކީ މާލޭގައި ހުންނަ އެ ބޭންކުގެ ޑޮލަރު ނެގޭ ހަމައެކަނި އޭޓީއެމްއެވެ. އެ ބޭންކުން ބުނީ ޑޮލަރު ނެގުމާއި ޖަމާކުރުން ހުޅުމާލޭ ރެނާޓަސް އިތާ މުއި އޭޓީއެމް ސެންޓަރާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުންނަ އޭޓީއެމް ސެންޓަރުން ހަމަޖެހޭނެކަމަށެވެ. އަދި ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުން މާލޭގައި އެ ބޭންކުން ހިންގާ އެހެން އޭޓީއެމްތަކުން ހަމަޖެހޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.