ޚަބަރު

މަޖިލީހަށް ޞައްޙަ ނޫން މަޢުލޫމާތު ދެއްވިކަމުގެ ތުހުމަތުގައި މިނިސްޓަރ އަމީން އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކުރަނީ


ރައްޔިތުންގެ މަޖިލީހަށް ސައްޙަނޫން މަޢުލޫމާތު ދެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ކުރެއްވި ސުވާލަކަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ލިއުމުން ދެއްވި ޖަވާބަކީ ސައްޙަނޫން މައުލޫމާތުކަމަށް އޮޑިޓަރ ޖެނަރަލް ނެރުއްވި ހެލްތް މިނިސްޓްރީގެ ކޯވިޑް-19އާ ގުޅޭ ޚަރަދުތަލުގެ ކޮމްޕްލަޔަސް އޮޑިޓް ރިޕޯޓުން ހާމަވާ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެސުލޫކީ ކޮމިޓީގެ ސަބް ކޮމިޓީއަކަށްވަނީ ފޮނުވާފައެވެ.

މިއަދު ބޭއްވި މިކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހެޅުއްވިގޮތަށް މިމައްސަލައަކީ މިނިސްޓަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށްވުމުން އެކަމުގައި މިނިސްޓަރުގެ ސްޓޭމަންޓެއް ނެގުން މުހިއްމުކަމަށް ކޮމިޓީން ބުނެއެވެ. އެހެން ކަމުން މިނިސްޓަރަށް ޤަވާއިދުގައި ބުނާ މުއްދަތު ދިނުމަށްފަހު ސްޓޭޓްމަންޓެއް ދިނުމަށް ފުރުސަތުދިނުމަށާއި އޮކްޓޫބަރު މަހުގެ ނިޔަލަށް މިމައްސަލަ ނިންމުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

އަދި މިމައްސަލާގައި ޑަބްލިއުއެޗްއޯއާ ގުޅޭ ވާހަކަތަކެއް ހުރުމުން ކުރިއަށްއޮތް ބައްދަލުވުންތައް ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށްވެސް މެންބަރު ޔާސިރު ޢަބްދުއްލަޠީފްވަނީ ޚިޔާލުދެއްވާފައެވެ. މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ މިފަދަ މައްސަލައެއް ސާބިތުވެއްޖެނަމަ 3000 ރުފިޔާއާއި 10000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން އަދަބެއްގެ ގޮތުގައިވަނީ ކަނޑައެޅިފައެވެ.

އޭޕްރީލް މަހުގެ 28ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ވެންޓިލޭޓަރުތައް ގެނައުމަށް ޑަބުލިއުއެޗުއޯ އާއި މަޝްވަރާކުރައްވާފައި ވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެފައި ވީނަމަވެސް ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައި ވަނީ، ޑަބްލިއު.އެޗް.އޯ.އިން އެއްވެސް އިރެއްގައި، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއާއެކު، ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމަށް ޑަބްލިއުއެޗްއޯއާއެކު ކުރި މުޢާމަލާތްތަކަކީ ރަސްމީކޮށް ކުރި މުޢާމަލާތްތަކެއް ކަމަށާއި ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ހުށައެޅި ކުންފުންޏެއްކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް ވިދާޅުވެފައެވެ.