ވިޔަފާރި

މާލިއްޔަތު ޤަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ފަށައިފި


މާލިއްޔަތުގެ ޤަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން މި މަސައްކަތް ކުރަނީ އެޓާރނީ ޖެނެރަލް، އޮޑިޓަރ ޖެނެރަލް އަދި އެންޓި ކަރަޕްޝަން ކޮމިޝަންއާ ގުޅިގެންނެވެ.

މާލިއްޔަތުގެ ޤަވާއިދު އިތުރަށް ފުރިހަމަކުރުމަށްޓަކައި މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އާއި އެޓާރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިއްފަތުގެ އިތުރުން އޭ.ސީ.ސީގެ ނާއިބު ރައީސް ފާތިމަތު އަނޫލާ އާއި އިއްޔެ މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގެ ތެރެއިން ހުރިހާ އިދާރާއެއް ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލާ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މާލިއްޔަތުގެ ޤަވާއިދު މުރާޖައާ ކުރެވޭއިރު އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ފާހަގަވާ ކަންތައްތަކާއި، އެންޓި ކަރަޕްޝަން ކޮމިޝަންގެ ތަޙްގީގުތަކުގައި ފާހަގަކުރެވޭ ނުކުތާތަކުގެ މައްޗަށް އަލިއަޅުއްވާލާނެކަމަށެވެ. އަދި ދައުލަތް ހިންގުމުގައި އެންމެ ފައިދާ ބޮޑުވާނެ ކަމަށް އެޓާރނީ ޖެނެރަލްއަށް ފާހަގަކުރެވޭ ކަންތައްތަކަށް ވަރަށް ބޮޑަށް ރިއާޔަތް ކުރެވިގެންދާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް މި އަހަރުގެ ޖުލައިމަހު ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެފަހަރު ގެނެވުނު އިސްލާހުތަކުގައި ހިމަނާފައިވަނީ މާލިއްޔަތު ޤަވާއިދަށް އަމަލުކުރާ ދައުލަތުގެ އިދާރާތަކަށް ފާހަގަ ކުރެވިފައިވާ ކަންތައްތަކާއި 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ބޭއްވި "ބީލަންވެރިންގެ މަހާސިންތާ" ގައި ބީލަންވެރިން ފާހަގަ ކުރެއްވި ކަންތައްތަކެވެ.