ޙާލަތު ގޯސްވެއްޖެނަމަ ބަލި މީހުން އެޑްމިޓްކުރުމަށް ސްކޫލްތަކާއި އަމިއްލަ ހޮސްޕިޓަލްތައް ބޭނުންކުރަން ފަށަންޖެހޭނެކަމުގެ ބިރު އެބައޮތްކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.އަލީ ލަތީފް ވިދާޅުވީ ހުޅުމާލޭގައި ހުރި މެޑިކަލް ފެސިލިޓީގެވެސް %60 އެންދު މިހާރުވެސް ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންކުރަން ފަށާފައިވާއިރު، އިތުރަށް އެނދު ޖެހުމުގެ މަސައްކަތްވެސް ކޭސްތައް އިތުރުވާ މިންވަރަށްބަލައި ކުރާނެކަމަށެވެ. އަދި ފެސިލިޓީއަށް ނުކަތާވަރަށް މީހުން ޕޮސިޓިވްވާން ފަށައިފިނަމަ ޕްރައިވެޓް ހޮސްޕިޓަލްތަކާއި، ސްކޫލްތައްވެސް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަންފަށަން ޖެހޭނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ނަމަވެސް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މަދުކަމާއި، ވަސީލަތްތަކުގެ މަދުކަމަށްބަލައި މިކަންވެސް ވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށްކަމަށް ޑރ.ލަޠީފް ވިދާޅުވިއެވެ.
"މިހާރު ދެން ޖެހޭނީ ސްކޫލްފަދަ ތަންތަން ނަގަން. އަދި ޕްރައިވެޓް ހޮސްޕިޓަލަށްވެސް ރިކުއެސްޓް ކުރަންޖެހޭނީ. އަދި ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ސްކޫލްތަށް ބޭނުންކުރުމަކީ އޮތް އޮޕްޝަން." ޑރ.އަލީ ލަތީފު ވިދާޅުވިއެވެ.
ޑރ.އަލީ ލަތީފް ވިދާޅުވީ މިހާރުވެސް ޑޮކްޓަރުނާއި ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށެވެ. އަދި މިހާރު މިދާވަރަށް އަދަދުތަށް މައްޗަށްގޮސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ގިނަވެއްޖެނަމަ ބޭނުންވާގޮތަށް ފަރުވާ ނުދެވޭނެކަމަށެވެ. މި ޙާލަތަށް ގޮސްފިނަމަ ޓްރައޭޖް އުސޫލުން އެޑްމިޓްކޮށް ފަރުވާދޭންޖެހޭ މީހުން ކަނޑައަޅަންޖެހިދާނެކަމަށްވެސް ޑރ.ޢަލީ ލަޠީފް ވިދާޅުވިއެވެ.
"ކޭސް ގިނަވެއްޖެއްޔާ ޖެހޭނީ ޓްރައޭޖް ކުރަން. މާނައަކީ ކޮންބަޔަކަށްތޯ އެޑްމިޓްކޮށްގެން ފަރުވާދޭނީ ނިންމަން ޖެހޭނީ އަޅުގަނޑުމެން. ކާކުތޯ އެޑްމިޓްކުރާނީ، ކާކުތޯ ވެންޓިލޭޓަރަށް ލާނީ، މިކަންކަން ބަލިޙާލަތަށް ބެލުމަށްފަހު އިސްކަންދެވޭގޮތަކަށް ނިންމަންޖެހޭނީ." ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިވަގުތުވެސް 160އަށްވުތެ ގިނަ މީހުންނަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިހާރު އޮތް ޙާލަތުގައި ކޮންމެ 2-3ދުވަހަކުން އިތުރު 500ކޭސް ދަނީ އިތުރުވަމުންނެވެ.