ޚަބަރު

ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް ޤާނޫނާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅަންޖެހޭނެ - ޖޭޕީ


ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މީހަކުނަމަވެސް ސަރުކާރުގެ މަޤާމުތަކުގައިތިބެ ޤާނޫނާއި ޤާވާޢިދާ ޚިލާފުކަމެއްކޮށްފިނަމަ ފިޔަވަޅު އަޅަން ޖެހޭނެކަމަށް އެޕާޓީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓަރީގެ އޮޑިޓްރިޕޯޓުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަން ފެންމަތިވެފައިވާއިރު އެމައްސަލަތައް ހިނގާފައިވަނީ ޖޭޕީގެ ސްލޮޓެއްގައި އައްޔަންކުރި ވަޒީރުން އެވުޒާރާތަކުގައި ތިބެގެންކަން ފާހަގަކޮށް އެކަމާގުޅިގެން ނޫސްވެރިން ކުރާ ސުވާލުތަކަށް ދެއްވި ޖަވާބުގައި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޞާލިޙް ވިދާޅުވީ ޖުމްހޫރި ޕާޓީން ކޮރަޕްޝަންގެ ކިތަންމެ ކުޑަނަމަވެސް އަމަލަކަށް ހިތްވަރުނުދޭނެކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީއަށް ލިބޭ ސްލޮޓްތަކަށް މީހުން ކަނޑައަޅައި ނަންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅެމުން އެކަމުގައި ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބެއްލެވުމަށްފަހު ކެބިނެޓް މިނިސްޓަރަކަށް ނުވަތަ ސިޔާސީ އެއްވެސް މަޤާމަކަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އައްޔަންކުރައްވަނީ އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް، ޤާނޫނީ ހަމަތަކުގެ މަތިން އަދާކުރުމަށްކަމަށް ޖޭޕީން ވަނީ ބުނެފައެވެ.

މިއާއެކު މަޤާމުތަކަށް އައްޔަނުކުރެވޭ ބޭފުޅުން އުސޫލުތަކުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ޤާނޫނީ ލިޔެކިއުންތަކާއި ކުށުގެ ރިކޯޑް ފުރިހަމަކޮށް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދާތީ ޖޭޕީން ފޮނުވާ މީހަކު މަޤާމަކަށް އައްޔަންވުމަށްފަހު އެބޭފުޅަކު ސަރުކާރުގައި އަދާކުރާ މަސްއޫލިއްޔަތު ޖޭޕީން ބަލައި މޮނިޓަރކޮށް ނުހަދާކަމަށްވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދުވަހުން ދުވަހަށް އެފަދަ މީހުންގެ މަސައްކަތާގުޅޭ ކަންކަން ބައްލަވާނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ތެރެއިން މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތަކުންކަމަށާއި، މަޤާމެއްގައި ހުރެ ޤާނޫނާއި ޤާވާޢިދާއި އުސޫލުތަކުން ބޭރުން ކުރާ އެއްވެސް ކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ ފިޔަވަޅަކާމެދު ޖުމްހޫރީ ޕާޓީން ބަސްކިޔައި ގޮތްކިޔައި ނުހަދާނެކަންވެސް އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އަދި ޖުމްހޫރީ ޕާޓީއަކީ ތަޙްޤީގީ ޢިދާރާއަކަށް ނުވާތީ އެއްވެސް ބޭފުޅަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތާކާއި، ކުރާ ތުހުމަތުތައް ބަލައި އެޕާޓީން ފިޔަވަޅުނާޅާ ކަމަށާއި އެފަދަ ކަންކަން ބަލަން ޤާނޫނީ ނިޒާމްތަކުގެ ތެރެއިން އުފައްދާފައިވާ ކަމާގުޅުހުރި ޢިދާރާތަކުން ބަލަންވާ ކަންކަން ބަލައި އެއިރަކަށް އަޅަންޖެހޭ ފިޔަވަޅެއް އަޅަން އަންގަން އޮންނަ ފަރާތަކަށް އަންގައި ކުރާކަންކަމަށްވެސް ޖޭޕީން ބަސްބުނަންޖެހޭކަމަށް ނުދެކޭކަމަށްވެސް ޢެޕާޓީން ވަނީ ބުނެފައެވެ.

އަދި މިގޮތަށް މަޤާމުތަކުގައި ތިބޭ ބައެއްގެ އަމަލުތަކާއި ގުޅިހެން އެކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފިޔަވަޅެއް އަޅުއްވާނީ ފުރިހަމައަށް ބެއްލެވުމަށްފަހުކަން އެޕާޓީން ޤަބޫލުކުރާ ކަމަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިބި ޖޭޕީގެ ބަޔަކުނުވަތަ އެނޫން ޕާޓީއަކަށްވީނަމަވެސް ޤަވާޢިދާ ޤާނޫނާ ޚިލާފުކަމެއް ކޮށްފައިވާނަމަ ފިޔަވަޅު އެޅުމަކީ އެކަން އޮންނަންޖެހޭ ގޮތްކަމަށް ޤަބޫލުކުރާކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.