ރ.އަތޮޅު މަޑުއްވަރީގައި ފެނަކަ ކޯޕަރޭޝަނުން ޢިމާރާތްކުރި އާ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުއްޓަސް އިޖްތިމާޢީ މިފަދަ ކަންކަމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.ރައީސް ޔާމީންގެ ވާހަކަފުޅުގައި ކަރަންޓުގެ ބަދަލުގައި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވާންޖެހޭކަމަށާއި، އެގޮތުން ބައެއް ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަމުން ގެންދާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.މީގެއިތުރުން މަޑުއްވަރީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މަޑުއްވަރީ އަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށަކަށްވުމާއިއެކު ހަމައެކަނި ހައްލަކީ ހުޅުމާލެ އާއި މާލެއެކޭ އެއްގޮތަށް އުސްކޮށް ގެތައް އިމާރާތްކުރުން ކަމަށެވެ. އެހެންކަމުން އެކަމާ މެދު ރައްޔިތުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، އާ އިންޖީނުގެއާއިއެކު އިންޖީނުގޭގެ ދުމުންނާއި އިންޖީނުގެ އަޑުތަކުން ކުރިމަތުވަމުން އަންނަ ތަކުލީފްތައް ނިމުމެއް އައިސްފައިވާކަމަށެވެ. އަދި މި އާ އިންޖީނުގެއާއިއެކު މަޑުއްވަރީގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް ނިމާލް ވިދާޅުވިއެވެ.މަޑުއްވަރީ އާއިންޖީނުގެ އިމާރާތްކުރުމަށް 6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.