ވިޔަފާރި

ޓާކިޝް އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި


ޓާކިޝް އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ކޯވިޑް19އާ ގުޅިގެން ޝެޑިއުލް ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށާފައި މިވަނީ މިއަދުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓާކިޝް އެއަރލައިންގެ ރާއްޖޭގެ ސޭލްސް އެޖެންޓް އެކްސްޕަޑައިޓް މޯލްޑިވްސްއިން ބުނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު އެ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާނެކަމަށެވެ. މިއަދު ރާއްޖެއަށް ދަތުރުކުރި ޓާކިޝް އެއަރލައިންގެ ފްލައިޓް ރާއްޖެ އައީ ތުރުކީގެ އިސްތަންބޫލުންނެވެ. މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ މިއަދު ހެނދުނުއެވެ. އަދި މި ފްލައިޓް އަނބުރާ ފުރުމަށް ހަމަޖެހިފައިވަނީ މިރޭ 7:30ގައެވެ.

ޓާކިޝް އެއަރލައިންއިން ރާއްޖެއަށްފެށި ޝެޑިއުލް ދަތުރުތަކުގައި ބޭނުންކުރާނީ 349 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެއީ ބިޒްނަސް ކްލާހުގެ 49 ޖާގައާއި، އިކޮނޮމީ ކުލާހުގެ 300 މީހުންގެ ޖާގައެވެ.

ޓާކިޝް އެއަރލައިންގެ ދަތުރުތައް އެންމެ ފުރަތަމަ ރާއްޖެއަށް ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. ކޯވިޑް19އާ ގުޅިގެން އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް ހުއްޓާލާފައިވަނީ މާރޗް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް މިދިޔަ ޖުލައިމަހު ޓާކިޝް އެއަރލައިނުން ވަނީ ޙާއްސަ ޕެސެންޖަރ ޕްލައިޓެއް ރާއްޖެއަށް ބާއްވާފައެވެ. މި ދަތުރަކީ އެ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމުގެ ކުރިން އަޖުމަ ބެލުމަށް ކުރި ދަތުރެކެވެ.

ޓާކިޝް އެއަރލައިންގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާއި ގުޅިގެން އެ ޤައުމުގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް މަގުފަހިވެގެންދާނެއެވެ.

ކޯވިޑް19އާ ގުޅިގެން ޝެޑިއުލް ދަތުރުތައް ހުއްޓާލިނަމަވެސް ޓާކިޝް އެއަރލައިނުން ވަނީ ރާއްޖެއަށް ކާގޯ ދަތުރުތަކެއް ބާއްވާފައެވެ. މި ދަތުރުތަކުގައި ރާއްޖެއަށް ސިއްހީ ސާމާނު ގެނެސްފައިވާއިރު، ރާއްޖެއިން ބޭރަށް މަސްވެސް ވަނީ އެކްސްޕޯޓްކޮށްފައެވެ.