ޚަބަރު

އަޑުގެ ރޭޑިއޯ ޑްރާމާ މުބަރާތުގެ އެއްވަނަ އަށް މީރާގެ "ޝިފާ"


މިދިޔަ ރަމަޟާން މަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން 3 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތުގެ އެއްވަނައަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ "ޝިފާ" ހޮވިއްޖެއެވެ.މި މުބަރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޓީ.ވީ.އެމްގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ. ދިވެހިރާއްޖޭގެ އަޑުގެ 3 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތުން 2 ވަނަ ލިބުނީ ދިވެހި ސިފައިންގެ ކްލަބުން ހުށައަޅައިދިން "އިބޫ" ޑްރާމާއަށެވެ. ތިންވަނައަށް ދިޔައީ އަމީނިއްޔާ ސްކޫލުން ހުށައަޅައިދިން "ވޭން" ޑްރާމާއެވެ.މިއަހަރުގެ ރޭޑިއޯ ޑްރާމާ މުބާރާތުގެ އެއްވަނަ ހޯދުމުގެ އިތުރުން އެންމެ މޮޅު ސްކްރިޕްޓަކަށްވެސް ހޮވިފައިވަނީ "ޝިފާ" ޑްރާމާގެ ސްކްރިޕްޓެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން ވޮއިސް އާރޓިސްޓަކަށް "ޝިފާ" ޑްރާމާއިން އައިޝަތު ޝުހާ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ވޮއިސް އާރޓިސްޓަކަށް ހޮވުނީ "ޝިފާ" ޑްރާމާއިން މަދީހް އަހްމަދެވެ. ޙަފްލާގެ ޝަރަފްވެރި މެހްމާން އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ދެއްކެވި ވާހަކަފުޅުގައި ޑްރާމާއަކީ މީހުންގެ ހިތްތަކަށް އަސަރު ކުރުވާފަދަ އަދަބިއްޔާތުގެ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކޮންމެ ފަންނެއްގައިވެސް ދިވެހިބަސް ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މި ހަފްލާގައި ޕަބްލިކް ސާރވިސް މީޑިޔާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އިކްރާމް ވިދާޅުވީ، ޕީ.އެސް.އެމްގެ ޤާނޫނުން މަތިކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަކީ މެނޭޖްމަންޓުން އެންމެ އިސްކަންދޭ އެއް ދާއިރާކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި އުނގަންނައިދިނުމުގެ ދާއިރާއަށް ޚާއްސަ ޗެނަލެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށާއި، ނޮވެމްބަރު މަހުގެ ތެރޭގައި މީޑިޔާ އެކަޑަމީ ވުޖޫދަށް އައުމުން އެ އެކަޑަމީގެ ފަރާތުންވެސް އަދަބިއްޔާތާއި ގުޅޭ ތަފާތު ފަންނުތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.މި ޙަފްލާގައި ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރާތްތައް ބައިވެރިވެފައިވެއެވެ. އަދި މުބާރާތުގައި ބައިވެރިވި އޮފީސް، ކުންފުނިތަކަށާއި، މުބަރާތުގެ ޖަޖުންނަށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހަފްލާގައި ވަނީ ކުރިއަށްގެންގޮސްފައެވެ.