ޚަބަރު

ރާއްޖެއިން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ މިއީ އެންމެ ރައްކާތެރި މަންޒިލް - ރައީސް


ކޯވިޑް-19އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށާ މެހެމާނުންނަށް އެންމެ ރައްކާތެރި މަންޒިލަކަށް ރާއްޖެ ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބެވި ޑިޕްލޮމެޓުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ މިނިވަންދުވަސް މިފަހަރު މިދިމާވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެހެން ޤައުމުތަކޭ އެއްފަދައިން ރާއްޖެއަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއްގައިކަމަށެވެ.

ރައީސް ވިދާޅުވީ އިޤްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް މިހާލަތުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އަސަރުކޮށްފައިވާއިރު ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށް ރާއްޖޭގެ މައި ބޯޑަރު ބަންދުކުރަން މަޖުބޫރު ވިކަމަށެވެ.

ބައިނަލްއަޤްވާމީ މުޖްތަމަޢުން ރާއްޖެއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މިދަތި ޙާލަތުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ބޭރުގެ މަންދޫބުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިންގެ ރައްކާތެރިކަން ރާއްޖެއިން ކަށަވަރުކުރާނެ ކަމަށާއި ރާއްޖެއަކީ މެހެމާނުންނަށް އެންމެ ރައްކާތެރި މަންޒިލަކަށްވާނެކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ. އެމައްޓަކައި ތިޔަ ފަރާތްތަކުގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ. ފަތުރުވެރިން އަޅުގަނޑުމެންގެ ރިސޯޓްތަކާއި ސަފާރީތަކާއި، ގެސްޓްހައުސްތަކަށް އައުމަށް އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނދުމެންވާނީ މެހެމާނުންގެ ރައްކާތެރިކަމައްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅައި މެހެމާނުންގެ ރައްކާތެރިކަން ޔަޤީންކޮށްފައި" ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މުޖުތަމައާއެކު އޮންނަ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމަކީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ހިމެނޭ މުހިންމު ކަމަކަށްވާއިރު މިއަދުވެސް އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްދަނީ އެގޮތުގައިކަމަށާ، އެންމެން ގުޅިގެން މިހާރުގެ ޙާލަތުން އަރައިގަނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19ގެ މިހާލަތުން އަރައިގަތުމުގައި ސިއްޙީ ފަންނުވެރިންނާއި އިސްސަފުގައި ހަރަކާތްތެރިވި އެންމެންގެ ފަރާތުން ނުހަނު ބޮޑު އެއްބާރުލުމަކާއި ހިތްވަރެއް ލިބިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.