ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އެކި މީހުން އެކި މަސައްކަތްތައް ކުރެއެވެ. އެއްބަޔަކު އިރު ފެނުން ތޮޅިލާތަނުން ދުވުމަށް ނިކުންނަ އިރު، އަނެއްބަޔަކު މާރުކޭޓުތަކުން އަތް ފުނާއަޅައިގެން ދުޅަހެޔޮ ކާނާގެ ޑައިޓް ޕްލޭންތައް ތައްޔާރުކުރެއެވެ. މިކަންކަމަކީ ރާއްޖޭގައި އަދި ވަކިން ޚާއްސަކޮށް ވެރިރަށް މާލޭގައި ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. އެހެންނަމަވެސް، ކަސްރަތުކުރުމަށް ބައިސްކަލު ދުއްވުމަކީ ދިވެހިންގެ މެދުގައި މީގެ ކުރިން މާ އާންމުކަމެއް ނޫނެވެ. އެހެންނަމަވެސް، މި އާދަ އަލުން ދިރުވާ މިކަމުގެ މުބާރާތްތަކާއިއެކު ބައިކް މޯލްޑިވްސްގެ ނަމުގައި 2015 ވަނަ އަހަރު ވަނީ ޖަމިއްޔާއެއް އުފައްދާފައެވެ.
މި ޖަމިއްޔާގެ މަޢުލޫމާތު ޕީއެސްއެމް ނިއުސް އާއި ހިއްސާކުރައްވަމުން ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)ގެ ޖެނެރަލް ސެކެޓްރީ އަސްމާ ހަސަން ވަނީ އެ ޖަމިއްޔާގެ ހަރަކާތްތަކުގެ ތާވަލު ހިއްސާކުރައްވާފައެވެ. އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިއަހަރު އެއްވެސް ރަސްމީ ހަރަކާތެއް ނޯންނާނެކަމަށް އަސްމާ ވިދާޅުވިއެވެ. އެހެންނަމަވެސް އަންނަ އަހަރު އެ ޖަމިއްޔާގެ ރަސްމީ ހަރަކާތްތައް އަލުން ފަށާނެކަން އަސްމާ ފާހަގަކުރެއްވިއެވެ. އެގޮތުން ބައިކް ޗެމްޕިއަން ޝިޕާއި، ބައިކް ޓުއާތައް ބާއްވާނެކަމަށް އަސްމާ ވިދާޅުވިއެވެ. މިއަހަރު އެއްވެސް ރަސްމީ ހަރަކާތެއް ނުގެންދިޔަސް ކަސްރަތު ބައިސްކަލު ބުރުތައް މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެޗްޕީއޭގެ ގައިޑްލައިންގެ ދަށުން 3 ވަނަ ފިޔވަހީގައި ލުއި ދިނުމުން މިވަނީ ކަސްރަތު ބުރުތައް ފަށާފައި. އެގޮތުން މިކަންކަން މާލޭ، ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްދާނެ. މިއަންނަ އަހަރު ބައިކް ޗެމްޕިއަންޝިޕާއި، ބައިކް ޓުއަރތައް އެކި ސަރަހައްދުތަކުގައި ބާއްވަން ނިންމާފައިވަނީ" އަސްމާ ވިދާޅުވިއެވެ.
ބައިކް މޯލ؛ްޑިވްސްގެ ޖެނެރަލް ސެކެޓްރީ އަސްމާ ހަސަން ވިދާޅުވީ، އަންނަ އަހަރުގެ ހަރަކާތްތައް ވަރުގަދަކުރުމަށް ގިނަ ޕްލޭންތަކެއް މިހާރު ރާވަމުންދާކަމަށެވެ. އެގޮތުން އަންނަ އަހަރު ރާއްޖޭގެ 4 ރަށެއްގައި ބައިސްކަލު ބުރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބައިކް މޯލްޑިވްސް އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމައްޓަކައި ދިވެހިންގެ ތެރޭގައި ބައިސްކަލް ބޭނުންކުރުން އަލުން އާންމުކުރުމާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމައް އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. 200 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވާ ބައިކް މޯލްޑިވްސްގެ ހަރަކާތްތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައިވެސް އެ ޖަމިއްޔާއިން ކުރިޔަށް ގެންދެއެވެ.