ޚަބަރު

ވިއްސާރާގައި ލިބުނު ގެއްލުންތައް މިދަނީ ބަލަމުން: ކުޅުދުއްފުށީ ކައުންސިލް


އިއްޔެ ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ސިޓީގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ފެންވަދެ ދިރި ނޫޅެވޭވަރުވެގެން އެއްގެއަކުން މީހުން ބަދަލުކުރަންޖެހުނު ކަމަށެވެ. އެހެންނަމަވެސް މިއަދު މެންދުރު އެއާއިލާގެ މީހުން ގެއަށް އަނބުރާ ބަދަލު ކުރެވިފައިވާކަމަށް ރައީސްވިދާޅުވިއެވެ. މީގެ އިތުރުންވެސް ގިނަ ގެތަކަކަށް ފެންވަދެ ގެއްލުންވެފައި ވާކަމަށާއި އެގެތަކާއި ލިބިފައިވާ ގެއްލުންތައް ބަލަމުންދާކަށް ލަތީފު ވިދާޅުވިއެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ހިއްޞާކޮށްފައިވާނޭކަމަށްވެސް ލަތީފު ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއްގޭގޭގެ ނަރުދަމާގެ މައްސަލަދިމާވެގެންވެސް ރިޕޯޓްކޮށްފައިވާކަމަށްވެސް ލަތީފު ވިދާޅުވިއެވެ. ލަތީފު ވިދާޅުވީ ނަރުދަމާގެ މައްސަލަ ދިމާވެފައި ވަނީ ޕަންޕްތަކަށް ލޯޑްބޮޑުވެގެންކަމަށާއި ވާރެ ހުއްޓާލިތާ ދެގަޑިއެއްހާއިރުފަހުން އެމައްސަލަ ހައްލުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ވިއްސާރަވެ މިފަދަ ހާދިސާތަށް ހިނގާ ދަޑިވަޅުތަކުގައި ކުޅުދުއްފުށި ކައުންސިލުން ދަނީ ހޮޓްލައިންއެއް ގާއިމްކޮށް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހިދުމަތް ދެމުންނެވެ. އިއްޔެވެސް މިސެންޓަރުގެ ހިދުމަތް ވަނީ ދީފައެވެ.