ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ، މޫސުމަށް ސަމާލުވޭ - މެޓް


ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް، އެންމެހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވީ މިރެއާ މާދަމާގެ އިތުރުން އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. ޚާއްސަކޮށް ކުރިއަށްއޮތް ވަގުތުތަކުގައި ދެނުނުން އައްޑޫ ސިޓީއާ ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވިއެވެ.

ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށް އެއިދާރާއިން ލަފާކުރެއެވެ. މިއާއެކު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެތް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ބޯކޯށް ވާރޭވެހޭނެކަމަށް ލަފާކޮށް މިއަދުވަނީ ހުރިހާ ސަރަހައްދަކަށްވެސް އެލާޓް ނެރެފައެވެ. އުތުރުން ފެށިގެން ތ. އަތޮޅާހަމައަށް ވައިޓް އެލާޓް ނެރެފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ޔެލޯއެލާޓްވެސް ނެރެފައިވެއެވެ.

މޫސުމާބެހޭ ޤަޢުމީ ޢިދާރާއިންވަނީ ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެތީ ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ.

މޫސުން ގޯސްވެ ކަނޑުމަތީގެ ބައެެއް ހާދިސާތަށް މިއަދުވެސް ވަނީ ހިނގާފައެވެ. އެގޮތުން މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި "ސެކިއޯ ބޭގް"ގެ ދޯނެއް ބަންޑުން ޖަހާލާފައެވެ. މިހާދިސާ ހިނގީ ކަނޑު ގަދަވެ ދޯނި އެއްފަރާތުން އަރިއަޅާލައިގެންކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ތިބި 3 ފަޅުވެރިން "ވިލާ ހަކަތަ"ނަމަކަށްކިޔާ ދޯންޏަކުން ވަނީ ނަގާފައެވެ. ބަންޑުން ޖަހާލި ދޯންޏަކީ މުދާ އުފުލާ ދޯންޏެކެވެ.