ދުނިޔެ

ސޫރިޔާއިން އައިއެސް ބޭރުކޮށްލުމަށް ތުރުކީން ޚާއްސަ އޮޕަރޭޝަނެއް


ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުން އައިއެސް ޖަމާއަތް ބޭރުކޮށްލުމަށް ވައިގެ ވަރުގަދަ އޮޕަރޭޝަނެއް ފަށަން ތައްޔާރުވަމުންދާކަމަށް ތުރުކީވިލާތުން ބުނެފިއެވެ. ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މަވްލޫދު ޗާވްޝް އޮގްލޯ ވިދާޅުވީ މި އޮޕަރޭޝަންގައި އެމެރިކާއާއި ގަލްފުގެ ބައެއް އަރަބި ގައުމުތައް ބައިވެރިވާނެ ކަމަށެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތުރުކީގެ ޚާރިޖީ ވަޒީރު މަވްލޫދު ޗާވްޝް ވިދާޅުވީ ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުން އައިއެސް ޖަމާއަތް ބޭރުކޮށްލުމަށް ހިންގުމަށް ހަމަޖެހިފައިވާ އަސްކަރީ އޮޕަރޭޝަންގެ ޕްލޭން ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި މިއޮޕަރޭޝަން ވަރަށް އަވަހަށް ފަށާނެކަމަށެވެ.ރިޕޯޓުތައް ބުނާގޮތުން މިއޮޕަރޭޝަންގެ ބޭނުމަކީ ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުން ފެށިގެން 80 ކިލޯމީޓަރުގެ ފުޅާ ސަރަހައްދަކުން އައިއެސް ގެ ހަނގުރާމަވެރިން ބޭރުކޮށްލުމާއި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ހުޅަނގުގެ މަދަދުލިބޭ ފްރީސީރިޔަން އާމީ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ވައިގެ ހިމާޔަތް ދިނުން ކަމަށެވެ. މީގެއިތުރުން ދުނިޔޭގެ އެކި ގައުމުތަކުން އައިއެސްއާ ގުޅުމަށް އަންނަ ހަނގުރާމަވެރިންނަށް ހުރަސްއެޅުމާއި އެމީހުން އައިއެސްގެ ސަފުތަކަށް ވަނުން މަނާކުރުމާއި އައިއެސްއަށް ހަތިޔާރާއި އެނޫންވެސް ވަސީލަތްތައް ލިބުން މަނާކުރުންވެސް މި އޮޕަރޭޝަންގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.ބޭރު ޤައުމުތަކުން އައިއެސްއާ ގުޅުމަށް އަންނަ ހަނގުރާމަވެރިން ހުއްޓުވައި އައިއެސްއަށް ހަތިޔާރާއި ވަސީލަތްތައް ލިބުން މަނާކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީގެން އައިއެސްގެ ކޮމާންޑް ސެންޓަރުތައް ހަލާކުކޮށްލެވިއްޖެނަމަ އެޖަމާއަތް ބަލިކޮށްލެވިދާނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. ތުރުކީގެ ޚާރިޖީ ވަޒީރު މަވްލޫދު ޗާވްޝް އޮގްލޯ ވިދާޅުވީ މިއޮޕަރޭޝަންގެ ސަބަބުން ސޫރިޔާގެ މައްސަލަ ސިޔާސީގޮތުން ހައްލުކުރުމުގެ މުހިއްމުކަމުގެ މެސެޖް  ރައީސް ބައްޝާރުލް އަސަދަށް ލިބިގެންދާނެ ކަމަށެވެ.ތުރުކީން ދެކޭގޮތުގައި ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ރައީސް ބައްޝާރުލްއަސަދު ވެރިކަމުން ފާބައިވަޑައިގަންނަވާ ގޮތަށް ގެނެވޭ ސިޔާސީ ހައްލަކުންނެވެ. މިފަދަ ހައްލެއް ނުގެނެވިއްޖެނަމަ ސޫރިޔާގެ ވެރިކަމުގެ ނިޒާމު ރޫޅި އައިއެސް ޖަމާއަތްފަދަ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށަށް ސޫރިޔާގެ ވެރިކަންގޮސް އެޖަމާއަތުގެ ނުރައްކާތެރިކަން މުޅި ސަރަހައްދަށް މިހާރަށްވުރެ ބޮޑުވާނެ ކަމުގެ ބިރު ހުޅަނގުގެ ގައުމުތަކެކޭ އެއްގޮތަށް ތުރުކީވިލާތްވެސް އިޙްސާސްކުރެއެވެ.ތުރުކީވިލާތް ދެކޭގޮތުގައި އައިއެސް ޖަމާއަތް ވަރުގަދަވެ ބަދަލުހިފުމުގެ ރޫހެއްގައި ދުނިޔޭގެ ކަންކޮޅުތަކުން އެޖަމާއަތާ ހަނގުރާމަވެރިން ގުޅެމުންދަނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމުގެ އަނިޔާވެރިކަމުގެ ސަބަބުންނެވެ. އެހެންނަމަވެސް ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލައިގެން ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ނާންނާނެކަމާ އަދި ސޫރިޔާގެ ދާޚިލީ ހަނގުރާމައަށްވެސް ނިމުން ނާންނާނެކަން ތުރުކީވިލާތުން ދެކޭ. އަދި އައިއެސް ޖަމާއަތް ބަލިކުރެވޭނީ ބައްޝާރު ވެރިކަން ދޫކޮށްލައްވާގޮތަށް ގެނެވޭ ސިޔާސީ ހައްލަކުންކަމަށްވެސް ތުރުކީވިލާތުން ދެކެއެވެ.