ޚަބަރު

ވެންޓިލޭޓަރުގައި އޮތް މީހެއްގެ ވާހަކަ އާއިއެކު، ލޭހަދިޔާކުރުމަށް ޑރ. މުޙައްމަދު ޢަލީގެ މުހިއްމު މެސެޖެއް


ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުކުރުމާއި އެކު އެންމެ ބޮޑަށް އަޑުއިވިގެންދިޔަ އެއް ވާހަކައަކީ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން ދަތިވެ ލޭ ހަދިޔާކުރުމަށް މޯލްޑިވްސް ބްލަޑް ސަރވިސް އާއި ތެލަސީމިއާ ކުދިންވެސް ގޮވާލަމުން އައި ވާހަކަތަކެކެވެ.

ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން ޑޮކްޓަރުން ފާހަގަކުރައްވަމުން ގެންދަވާއިރު، އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ ޑރ. މުޙައްމަދު އަލީ ރޭ ވަނީ އެހޮސްޕިޓަލުގައި ފަރުވާދެމުންދާ ހާލު ސީރިއަސް ބަލި މީހެއްގެ ވާހަކަ ހިއްސާކޮށް މުހިއްމު ޓުވީޓެއްކުރައްވާފައެވެ.

އެމީހާއަކީ ވޭތުވެދިޔަ 100 ދުވަހު ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ އަންހެން މީހާއަކީ ސިކުނޑިއަށް ލޭ އެޅިގެން އޮޕަރޭޝަނެއް ކޮށްފައިވާ މީހެއްކަމަށެވެ.

ޤަވާއިދުން ޑަޔަލަސިސްވެސް ހަދަމުން އަންނަ އެ ޕޭޝަންޓަކީ ވަރަށް ގިނަ ކަންކަން ތަހައްމަލްކޮށް ގިނަ ބަލިތަކަކާއި ހަނގުރާމަ ކުރަމުންދާ މީހަކަށް ވާއިރު، އޭނާގެ ހިތްވަރު ޑރ. މުޙައްމަދު އަލީ ފާހަގަ ކުރެއްވިއެވެ.

ޑޮކްޓަރ ވިދާޅުވީ މިހުރިހާ ބަލިތަކާއިއެކު މިހާރު ލޭ އަޅަންވެސް ޖެހޭއިރު ބުލަޑް ބޭނުންކުރުން އޭނާއަށް ބޭނުންވާ މިންވަރަށް ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާކަމަށެވެ.

މިހުރިހާ ބަލިތަކާއިއެކުވެސް ހިތްވަރު ދޫނުކުރާ ބަލިމީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލޭ ހޯދުމުގެ މުހިންމުކަން ފާހަގަކޮށް ޑރ. މުޙައްމަދު އަލީ ވަނީ ލޭ ބޭނުންވާ މިފަދަ އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ތިބިކަމަށާއި އެމީހުންނަށް އެހީތެރިވެދިނުމަށް އެދިވަޑައިގެންފައެވެ.

ޑރ. މުޙައްމަދު އަލީގެ މި ޓުވީޓުން އެންމެ ބޮޑަށް އެނގިގެންދާ އެއްކަމަކީ ކުރިއާ ޚިލާފަށް ރާއްޖޭގައި ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު މަދުވެ ލޭ ބޭނުންވާ މީހުން ނުރައްކަލަށް ހުށައެޅިފައިވާކަމެވެ.

ކޮންމެ ލޭ ތިއްކަކީ މާތް ޞަދަޤާތަކަށް ވާއިރު، ބަލި ހާލަތުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ އިތުރުން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހަދިޔާ ކުރުމަކީ މިފަދަ ބަލި މަޑުކަމުގެ ދުވަސްވެރެއްގައި ޞިއްޙަތު ރަނގަޅު މީހުން އަވަސްވެ ގަންނަންޖެހޭ މާތް އަމަލެކެވެ.