އަންނަ އަހަރުން ފެށިގެން އަތޮޅުތަކުގެ ސްކޫލްތަކުގައި ޕްރީސްކޫލް ތައުލީމް ދެވޭގޮތް ހަމަޖައްސަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ސޯސަލް ކައުންސިލުން ބޭއްވި ޕްރެސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވީ އަންނަ އަހަރުން ފެށިގެން އަތޮޅުތަކުގެ ސްކޫލްތަކުގައި ޕްރީސްކޫލްގެ ދެ އަހަރުކަމަށްވާ އެލްކޭޖީ އަދި ޔޫކޭޖީގެ ކްލާސްތައް ފެށިގެންދާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިބަދަލު ގެނައުމަށް އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން 6 ސްކޫލެއްގެ އިމާރާތް ތަރައްޤީކުރަންޖެހޭކަމަށެވެ. އަދި މިބަދަލުގެނައުމުން، ކުރިން ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިނގަމުންދިޔަ އަތޮޅުތަކުގެ ޕްރީސްކޫލްތަކުގައި ތިއްބެވި ޓީޗަރުން ދެއަހަރު ދުވަސްވަންދެން ކޮންޓްރެކް އުސޫލުން ބައިތިއްބާނެކަމަށާއި އެއަށްފަހު ޕްރީސްކޫލް ޓީޗަރުން ތަމްރީނުކޮށް ސިވިލް ސާވިސްގެ ދަށަށް މިވަޒީފާތައްވެސް ބަދަކުރެވޭނެކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގެ ސްކޫލްތަކުގައި އަންނަ އަހަރު ޕްރީސްކޫލްތައުލީމް ފެށިނަމަވެސް މާލޭގައި ހިންގާ ސްކޫލްތައް އަދި އެގޮތަށް ބަދަލުނުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަތޮޅުތަކުގެ ސްކޫލްތަކަށް މިބަދަލުގެނައި ނަމަވެސް ކުރިންފެށިގެން ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިނގަމުންދިޔަ ނާސަރީއާ ބޭބީ ނާސަރީ ކްލާސްތައް ހިނގުމަށް މިހާރުވެސް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބެމުންދިޔަ އެހީތެރިކަން ލިބެމުންދާނެކަމުގައިވެސް މިނިސްޓަރ އާއިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ.