ވިޔަފާރި

ކޮންމެ 3 މަހަކުން މާލީ ހިސާބުތައް މަޖިލީހަށް ހުށަހެޅުން މުހިއްމު


މުއައްސަސާތަކުން ކޮންމެ 3 މަހަކުން ކުއަރޓާލީ ރިޕޯޓެއް މަޖިލީހަށް ހުށައަޅަންޖެހޭ ގޮތަށް ހެދުމަކީ މުހިންމު ކަމެއްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ދިރާސާކުރާއިރު އަހަރީ ރިޕޯޓެއްގެ ބަދަލުގައި ކޮންމެ ކުއަރޓާއެއް ނިމުމުން އެ ކުއަރޓާއެއްގެ ރިޕޯޓެއް ހުށައަޅަންޖެހޭ ގޮތަށް ހެދިދާނެކަމަށެވެ. މިއީ ޤާނޫނުގެ ތެރެއަށް އިތުރުކޮށްލަންވެސް ރަނގަޅު އިސްލާހަކަށް ވެގެންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤާނޫނުގައި އެބައިނދޭ ވަރަށް ރަނގަޅު ކުލޯޒްއެއް ކުއަޓަރލީ ރިޕޯޓެއް ހުށައަޅަން. ކުއަރޓާލީ އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތް އެބަޖެހޭ މަޖިލީހަށް ހުށައަޅަން. އެވެސް އަޅުގަނޑަށް ހީވަނީ ރަނގަޅު އިސްލާހެއްކަންނޭންގެ ޤާނޫނުގެ ތެރެއަށްލާން. މުއައްސަސާތަކުންވެސް ކުއަރޓާލީ ރިޕޯޓެއް ހުށައެޅުން ކޮންމެހެން އަހަރު ނިމެންދެން މަޑުނުކޮށް." ހަސަން ޒިޔަތު ވިދާޅުވިއެވެ.

ކޮމެޓީގައި ވާހަކަދައްކަވަމުން އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އޮޑިޓް އޮފީހުގެ ޤަވާއިދުގައި ކުއަރޓާލީ ރިޕޯޓެއް ހުށައަޅަން ޖެހޭގޮތަށް އިނުމަކީ ޖަވާބުދާރީ ކުރުވުމަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަމަށެވެ. މީގެސަބަބުން އެ މުއައްސަސާއަކުން ހާސިލްކުރަން ބޭނުންވާ ކަންކަމާއި ހާސިލްނުވެ ހުރީ ކީތްވެގެންކަން ދެނެގަނެ ސުވާލުކުރަން ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އޮޑިޓް ޤާނޫނުގައި ވަރަށް ރަނގަޅަށް ޖަވާބުދާރީ ކުރުވާނެ އޮނިގަނޑެއް އެބައޮތް ގެނެވިފައި. ކޮންމެ ކުއަރޓާއެއްގައި އަޅުގަނޑުމެން އެބަޖެހޭ މަޖިލީހަށް އަޅުގަނޑުމެންގެ އެއަހަރަކު ރާވާފައި ހުރި ކަންތައްތައް ހާސިލްވާ މިންވަރު ހާސިލް ނުވަންޏާ ކީތްވެގެންތޯ ބަޔާންކުރަން. އެހެން މުއައްސަސާތަކަށްވެސް ތިބޭފުޅުންނަށް އެންގިދާނެ ކުއަރޓާލީ ރިޕޯޓެއް ހުށައެޅުމަށް. ހުސައިން ނިޔާޒީ ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާއިއެކު އޮޑިޓް އޮފީހުން ބޭއްވި ބައްދަލުވުމުގައި އެ މުއައްސަސާގެ ބެލުމުގެ ދަށުގައިވާ މުއައްސަސާތަކުގެ އަހަރީ ރިޕޯޓްތައް ދިރާސާ ކުރާނެގޮތް ވަނީ ކިޔައިދީފައެވެ. އަދި މިކަންކަން ދިރާސާ ކުރާނެއިރު ބަލާނެ ކަންކަން އޮޑިޓް އޮފީހުގެ ބޭފުޅުން ވަނީ ހިއްސާކުރައްވާފައެވެ.