ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އޮތީ އައު އާންމު ހާލަތުގައި ޙިދުމަތްދެވޭ ވަރަށް ތައްޔާރުވެފައިކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސާލިހް ވިދާޅުވީ، ރާއްޖޭގެ ބޯޑަރ ބަންދުކުރީއްސުރެ އެމްއޭސީއެލްއިން މިކަމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން މިހާރުވެސް އައު އާންމު ހާލަތުގައި ކަސްޓަމަރުންނަށް ޙިދުމަތްދިނުމަށް ވީއައިއޭ %100 ތައްޔާރަށްއޮތްކަމަށް އޭނާ ވިދާޅުވިއެވެ.
"ބޯޑަރ ކްލޯޒް ކުރުމުގެ ކުރިން އަޅުގަނޑުމެން ޕްރިޕެއަރ ވެއްޖެއިން މިތަނުގައި ސިޓުއޭޝަނެއް އައިއްސިއްޔާ އެއަރކްރާފް ހޭންޑަލްކުރާނީ ކިހިނެތްތޯ. ޕާކްކުރާނީ ކިހިނެތްތޯ. އަޅުގަނޑުމެން އެންމެ ފުރަތަމަ ކަމަކަށް އައިސޮލޭޝަން ސެންޓަރެއްވެސް އުފެއްދިން. މާރޗް މަހު އަޅުގަނޑުމެންގެ އަމިއްލަ ސީސީސީސީ ސެންޓަރެއްވެސް ހަދައިފިން. އަޅުގަނޑު ދަންނަވާނީ %100 ކޮންޕްލައިވާނެއޭ މިހާރުވެސް އަޅުގަނޑުމެން" މޫސާ ސާލިހް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެޖޭޖަރ ޓާމިނަލް ސަރވިސް އިބްރާހިމް ހުސައިން ވިދާޅުވީ، މޭމަހާއި ޖޫމްމަހު އެކަނިވެސް ވީއައިއޭއިން 7000 ފަސިންޖަރުން ފުރުވާލާފައިވާކަމަށެވެ. އަދި 1000 އަށްވުރެ ގިނަ ފަސިންޖަރުން އައިސްފައިވާކަމަށެވެ. ފަސިންޖަރުން ފުރުމާއި އައުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށްކަމަށާއި، އެއަރޕޯޓް އޮތީ އައު އާންމު ހާލަތަށް ތައްޔާރުވެފައިކަމަށެވެ.
"މިދިޔަ 45 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އެއަރޕޯޓުން 7000 ފަސިންޖަރުން ޑިޕާޓްކޮށްފި. އެރައިވަލްސް އެބައުޅޭ 1000 މަތީގައި. މިހުރިހައި ނަންބަރސްތަކެއް މިދިޔައީ އެޗްޕީއޭގެ ގައިޑްލައިންގެ ތެރެއިން. އެހެންވީމަ އަޅުގަނޑުމެންގެ އެއަރޕޯޓް މިވަގުތައް ހަމަ ރެޑީވެފަ މިއޮތީ. އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންގައިވެސް އޮތީ އީޒް މެސަރޒްތަކެއް." އިބްރާހިމް ހުސައިން ވިދާޅުވިއެވެ.
އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޗީފް އޮފިސަރ އެއަރޕޯޓް އެމަޖެންސީ ސަރވިސް މުހައްމަދު ފަޔާޒް ވިދާޅުވީ، އައު އާންމު ހާލަތުގައި އެމެޖެންސީ އިތުރު ކަންތައްތަކެއް ދިމާވެދާނެކަމަށް އަންދާޒާކުރާކަމަށެވެ. އެހެންކަމުން އެކަންކަމަށްވެސް ތައްޔާރުވަމުން އަންނަކަމަށާއި، ނިއުނޯމަލްއަށް ޓާމަލް ސްކްރީނިންގެވެސް 8 ސަރަހައްދެއްގައި ހަރުކޮށްފައިވާކަމަށެވެ.
"ނިއު ނޯމަލްގައި އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން އިތުރު އެމަޖެންސީތަކެއް ދިމާވެދާނެކަމަށް. ނިއުނޯމަލްއަށް ޓާމަލް ސްކްރީނިންގވެސް 8 ލޮކޭޝަންއެއްގައި ކުރިއަށްގެންދާނެ. ސޯސަލް ޑިސްޓެންސިންގެ މާކިންވެސް މިހާރު އިންޓަނޭޝަނަލް ޓާމިނަލްގައި ކުރެހިއްޖެ. ޑޮމެސްޓިކް ޓާމިނަލްއަށް ފުރާމީހުން ފިޔަވައި އެހެންމީހުން ނުވަދެވާނެގޮތެއް ބަލަމުންމިދަނީ. އެހީތެރިއެއް ވަންނަން ޖެހިއްޖިއްޔާ ލިމިޓްކުރެވޭތޯ ބަލަމުން ދަނީ." މުހައްމަދު ފަޔާޒް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ނިއު ނޯމަލްއަށްދާއިރު ފުލައިޓް މޫމަންޓްސް ކުރިއާއި އަޅާބަލާއިރު %3 ދަށްވާނެކަމަށް އެމްއޭސީއެލްއިން ވަނީ އަންދާޒާކޮށްފައެވެ. އަދި ދުވާލަކު 10 އިންޓަނޭޝަނަލް ފުލައިޓް ޖައްސައި ޑޮމެސްޓިކް 15 ފުލައިޓާއި 20 ފުލައިޓާއި ދެމެދުގެ އަދަދަކަށް އޮޕަރޭޓްކުރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.