ޚަބަރު

ކޯވިޑް-19 : 1500އަށްވުރެ ގިނަ މީހުން ޓްރާންސިޓް ކަރަންޓީންގައި


އިއްޔެ އެކަނިވެސް އަނބުރާ ރަށްރަށަށް ފޮނުވާލުމަށް 400 އަށް ވުރެ ގިނަ މީހުން ޓްރާންސިޓް ކަރަންޓީންނަށް ގެންގޮސްފައިވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. މިއާއެކު ރަށްރަށަށް ނުދެވި މާލޭގައި ތިބި މީހުންގެ ތެރެއިން ޓްރާންސިޓް ކަރަންޓީނަށް ގެންދެވުނު މީހުންގެ އަދަދު ވަނީ 1500އަށް އަރާފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ދަނޑިވަޅުގައި ބައްޔަށް ޕޮޒިޓިވްވެ ހައި ރިސްކް މީހުންގެ ގޮތުގައި ފާހަގަކުރެވުނު 1044 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިބިކަމަށެވެ. އަދި ބަލީގެ ލޯ ރިސްކް މީހުންގެ ތެރެއިން މިވަގުތު 1561 މީހަކު ކަރަންޓީން ފެސިލިޓީތަކުގައި ތިބި އިރު ކަރަންޓީން ފެސިލިޓީން ދޫކޮއްލުމުގެ ކުރިން ހަދާ ކޯވިޑް ޓެސްޓަށް ނެގެޓިވް ވުމުން އިއްޔެ 77 މީހަކު ދޫކޮއްލާފައިވާކަމަށެވެ. އަދި އިތުރު 68 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ، މިވަގުތު މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދިއުމަށް އިއްޔެ އެކަނިވެސް 413 މީހުން ޓްރާންސިޓް ކަރަންޓީންނަށް ގެންގޮސްފައިވާކަމަށެވެ. މިއާއެކު މިވަގުތު މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދިއުމަށް 1558 މީހުން މި ފެސިލިޓީތަކުގައި އެބަ ތިބިކަމަށެވެ.

"މިވަގުތު އަޅުގަނޑުމެން މިދަނީ ވީހާވެސް ގިނަ ފަރާތްތައް އަނބުރާ ރަށަށް ފޮނުވާލުމަށް ދަނީ މަސައްކަތް ކުރަމުން. އެގޮތުން ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް މިއަދު އެކަނިވެސް 413 ގެންގޮސްފައިވޭ. މިއާއެކު މިވަގުތު 1558 މީހުން މި ފެސިލިޓީތަކުގައި އެބަ ތިބި"

މަބްރޫކް ވިދާޅުވިއެވެ.

މި ޙާލަތުގައި މާލެއިން އެއްވެސް ރަށަކަށް މީހަކު ފޮނުވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭއިރު، ރަށްރަށަށް މީހުން ފޮނުވުމުގައި ކައުންސިލްތަކާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށްދާން އެދުނު ފަރާތްތައް ރިވިއުކޮށް 1600 މީހުންގެ ލިސްޓެއް ވަނީ ހަދާފައެވެ. މި ލިސްޓްގައި ހިމެނޭ މީހުންނަށް އިސްކަން ދިނުމަށްފަހުގައި އިތުރު މީހުންނާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 1800 މީހުން ޓްރާންސިޓް ކަރަންޓީނަށް ގެންދެވޭނެކަމަށް އެންއީއޯސީއިން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

މި އިންތިޒާމުގެ ދަށުން އެއްހާސް މީހުން ކަރަންޓީންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރިސޯޓްތަކުގައި 500 މީހުންގެ ޖާގަ އަދި ހުޅުމާލެ ގެސްޓްހައުސްތަކުގައި އިތުރު 500 ޖާގަ ވަނީ ހަމަޖައްސާފައެވެ.

މިގޮތަށް ނިންމާފައިވަނީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވުމުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް މިި ބަލި ފެތުރުން ކޮންޓްރޯލްކުރުމައްޓަކައެވެ. ރަށްރަށަށް ދާ މީހުންނަށް އެ ރަށްރަށަށް ދެވޭނީ 14 ދުވަހުގެ ކަރަންޓީނަށް ފަހު ކޯވިޑް-19އަށް ޓެސްޓުކުރުމަށްފަހުއެވެ. މީގެ އިތުރުން ރަށްރަށުގައި ތާށިވެފައިތިބި މީހުންގެ ތެރެއިން މާލެ އަންނަން ބޭނުންވާ މީހުންނަށް މާލެ އާދެވޭނީ ފުލުހުން ދޭ ޚާއްޞަ ހުއްދައަކާއެކުގައެވެ.