ޚަބަރު

ކުޅުދުއްފުށީގެ ކަރފިއުގެ މުއްދަތު މިމަހުގެ 23ވަނަ ދުވަހުގެ ނިޔަކަށް އިތުރުކޮށްފި


ކުޅުދުއްފުށި ސިޓީގެ ކަރފިއުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަކަށް އިތުރުކޮށްފިއެވެ. ކުޅުދުއްފުށި ސިިޓީގައި އެންމެ ފުރަތަމަ ކަރފިއު އިއުލާންކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ކުޅުދުއްދުށި ކައުންސިލުން މަޢުލޫމާތުދޭގޮތުގައި ކޯވިޑް-19 ރޯގާގެ ނުރައްކާތެރިކަން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި ފެތުރެމުން ދިއުމުން ކުޅުދުއްފުށި ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މި ފިޔަވަޅަކީ، ސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވާ މި ދަނޑިވަޅުގައިވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ދަތުރު ކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި އެންމެ ފުރަތަމަ ކަރފިއު އިއުލާންކުރި ކަރފިއުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 12:00 އާއި ހަމައަށް އިތުރުކުރަން އެ ރަށު ޓަސްކް ފޯސްއިން ވަނީ ނިންމާފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އެންގުމުގެ ދަށުން ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަޚް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންކަމަށް ކުޅުދުއްފުށި ކައުންސިލުން ނެރުނު ސަރކިއުލަރގައި ބުނެފައިވެއެވެ.

ކަރފިއު އިއުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. ކާފިއު ވަގުތު ތަކުގައި އެއްވެސް ވިޔަފާރިއެއް އާންމުންނަށް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާ ކަމެކެވެ. ކަރފިއު ނޫން ގަޑިތަކުގައި ވިޔަފާރިތަކުން އާންމުންނަށް ޚިދުމަތް ދިނުމަށް އިޖްތިމާއި ގައިދުރުކަން ކަށަވަރު ކުރެވޭ ފަދަ ގޮތަކަށް ނިޒާމެއް ރޭވުމަށް ވަނީ އަންގާފައެވެ. މި ނޫން ގޮތަކަށް އާންމުންނަށް ޙިދުމަތް ދިނުމަކީ މަނާކަމެއްކަމުގައި ވާއިރު މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔާއާއި 5000 (ފަސްހާސް) ދުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުލަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިފައިވެއެވެ.