ރަށްރަށުގައި މާލެ ނާދެވިފައި ތިބި މީހުންގެ ތެރެއިން މާލެ އަންނަން ބޭނުންވާ ފަރާތްތަކުން ފުލުހުން މެދުވެރިކޮށް އެކަމުގެ ހުއްދައަށް އެދުމަށް އެލްޖީއޭއިން އިރުޝާދު ދީފިއެވެ.
މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ރަށްރަށުގައި ތިބި މާލެ އަންނަން ބޭނުންވާ މީހުންގެ މަޢުލޫމާތު އެއްކޮށް ލިސްޓެއްވެސް އެކުލަވާލާފައެވެ.
ކޯވިޑް-19އާއި ގުޅިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، މި ދަނޑިވަޅުގައި އެއްރަށުން އަނެއް ރަށަށް ނުދެވި ތިބި ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ކުރުމަށް އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ކޮންމެހެން ރަށްރަށަށް ފޮނުވަންޖެހޭ މީހުން މިހާރު ކަރަންޓީންކުރާނީ ސަރުކާރުން ހަމަޖައްސާ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި އެކަނިކަމަށްވެސް އާދަން ޝަރީފް ވިދާޅުވިއެވެ.
މި އިންތިޒާމުގެ ދަށުން އެއްހާސް މީހުން ކަރަންޓީންކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރިސޯޓްތަކުގައި 500 މީހުންގެ ޖާގަ އަދި ހުޅުމާލެ ގެސްޓްހައުސްތަކުގައި އިތުރު 500 ޖާގަ ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ނިންމާފައިވަނީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވުމުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް މިި ބަލި ފެތުރުން ކޮންޓްރޯލްކުރުމައްޓަކައެވެ.
ރަށްރަށަށް ދާ މީހުންނަށް އެ ރަށްރަށަށް ދެވޭނީ 14 ދުވަހުގެ ކަރަންޓީނަށް ފަހު ކޯވިޑް-19އަށް ޓެސްޓުކޮށްފައިކަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށްރަށުގައި ތާށިވެފައިތިބި މީހުންގެ ތެރެއިން މާލެ އަންނަ ބޭނުންވާ މީހުންނަށް މާލެ އާދެވޭނީ ފުލުހުން ދޭ ޚާއްޞަ ހުއްދައަކާއެކުގައި ކަންވެސް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އަދަމް ޝަރީފް ވިދާޅުވިއެވެ.
އެލްޖީއޭއިން ދަނީ ކައުންސިލްތަކާއި ގުޅިގެން އެކުލަވާލާފައިވާ، އެއްރަށުން އަނެއް ރަށަށް ދިއުމަށް ބޭނުންވާ މީހުންގެ ލިސްޓް ވެރިފައިކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.