ފުރަބަންދުގެ ދުވަސް ވަރު ކޮންމެހެން ދޭން ޖެހޭ ޚިދުމަތް ދިނުމަށް އެމްޓީސީސީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގެއަށް ނުގޮސް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދީފިއެވެ.
މިކަމާ ބެހޭ ގޮތުން އެމްޓީސީސީން ނެރެފައިވާ ބަޔާނެގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ އާންމު ފެރީއާއި، ސްޕީޑް ފެރީއާއި، މެޓްރޯ ބަސް އަދި ޕްރައިވެޓް ދަތުރުތަކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރީ ސަފުގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާ ދީފައިވާކަަމަށެވެ.
އެ ގޮތުން ހުޅުމާލޭގައި ހުންނަ މާލެ ފެރީ ޓާމިނަލް، މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް އަދި ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލްގައި އެކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް އައިސޮލޭޝަން ފެސިލިޓީ ގާއިމުކޮށްފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މިކަމުގެ މަޤްސަދަކީ ކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކުރުން ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ކޯވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު ވިލިމާލޭގައި ދިރިއުޅޭ ޞިއްޚީ ޚިދުމަތްތެރިން މާލެއަށް ވަޒީފާ އަދާ ކުރަން ގެނެސް ދިނުމަށްޓަކާ އެމްޓީސީސީން ދަނީ ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ބާއްވަމުންނެވެ. ވިލިމާލެއާއި ތިލަފުށި އަދި ގުޅިފަޅުގައި އުޅޭ މީހުންނަށް މުދާ ފެރީގެ ޚިދުމަތް ވެސް އެ ކުންފުނިން ދަނީ ދެމުންނެވެ.
އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ބޭނުންވާ އެކިކަހަލަ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމުގައި އެމްޓީސީސީގެ އުޅަނދުތަކާއި ވެހިކަލްތަކުގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ ތިލަފުށީގައި އެ ކުންފުނިން ހިންގާ ބޯޓުޔާޑުން ދެމުންދާ ޚިދުމަތްތައް މި ދަނޑިވަޅުގައި ދޭން ޖެހޭ ހާލަތެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 120 މުވައްޒަފުން އެ ތަނުގައި ތިބި ކަމަށެވެ. އަދި ކުންފުނިން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓްތަކުގައިވެސް އެކުންފުނީގެ މުވައްޒަފުން އުޅެމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުން އެކުންފުނީގެ ފަރާތުން ކޯވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލި އެސްއޯޕީގެ ދަށުން ކުންފުނީގެ މުވައްޒަފެއް ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރާނެކަމަށެވެ. އަދި މިގޮތުން ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރަށް އޮތް ކަަމަށްވެސް އެކުންފުނިން ބުނެއެވެ.