ޚަބަރު

އިނާޔަތް ބޮޑުކުރުމުގެ އިސްލާހު އަވަސްކުރުމަށް އެދިވަޑައިގެންފި


ނުކުޅެދުންތެރިކަން
ހުންނަ ކުދިންނަށް މިހާރު ދެމުންދާ ދެހާސް ރުފިޔާގެ އެލަވަންސް ފަސްހާސް
ރުފިޔާއަށް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހް އަވަސްކޮށް އަންނަ އަހަރުގެ
ބަޖެޓްގައި ހިމަނާ ދިނުމަށް މަކުނުދޫ ދާއިރާގެ މެމްބަރ އަނާރާ ނައީމް އެދިވަޑައިގެންފިއެވެ.



މިއަދު ރައްޔިތުންގެ
މަޖްލިސް އިދާރާ ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަނާރާ ވިދަޅުވީ
އަންނަ އަހަރަށް ބަޖެޓް އެކުލަވާލެވިގެންދާއިރު އެލަވަންސް ބޮޑު ވުމުގެ މަގު
ފަހިވެގެންދިއުމަށް އެދޭކަމަށެވެ. އަދި އެ އިސްލާހަށް ވަކިވަކި މެމްބަރުން
ތާއިދުކުރާކަމަށާއި އެކި ފަހަރުމަތިން ފިނޭންސް މިނިސްޓްރީއާއި އެންސްޕާއާއި އެކު
ވާހަކަތައް ދެކެވިފައިވާކަމަށެވެ.



ނުކުޅެދުންތެރިކަން
ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން
ފޯރުކޮށްދިނުމުގެ ޤާނޫނަށް އަނާރާ ހުށައަޅާފައިވާ އިސްލާހްގައިވާ ގޮތުން
ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި އެމީހުންގެ ދަފްތަރު ބަލަހައްޓަން
ފެށުމާއި ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށްވެސް މީލާދީ ކޮންމެ މަހަކު
މަދުވެގެން ފަސްހާސް ރުފިޔާގެ މާލީ އިނާޔަތެއް ސަރުކާރުން ދޭންވާނެކަމަށް
ބުނެފައިވެއެވެ.