އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 278 އަށް އިތުރުވެއްޖެއެވެ.
މިއަދު އެކަނިވެސް މިބައްޔަށް 28 މީހަކުވަނީ ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ރަޝީދު ކާޕެންްޓްރީގެ ކްލަސްޓާއާ ގުޅުންހުރި ދިވެހިންނެވެ. އޭގެތެރޭގައި ކޯވިޑް ވިލެޖު ޤާއިމްކުރުމުގެ މަސައްކަތުގައި އުޅުނު ބައެއް މީހުންވެސް ހިމެނެއެވެ.
ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދުވަނީ 126އަށް އަރާފައެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ޢަދަދު 152އަށް ވަނީ އިތުރުވެފައެވެ. އެންމެ ގިނަ ޢަދަދަކަށް ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަނގްލަދޭޝް މީހުންނެވެ. އަދި އޭގެ ތެރޭގައި ބާޒާރު މިލިއަން ކްލަސްޓައާ ގުޅުންހުރި ފަރާތްތައް ގިނަކަން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ފާހަގަކުރައްވައެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވިމީހަކު ފެނިފައިވަނީ މާރޗްމަހުގެ 7ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުން ކޯވިޑް-19 ޖެހިފައިވާ މީހެއް ފެނުނީ މިމަހުގެ 15ވަނަ ދުވަހުއެވެ.
މާލޭގެ އިތުރުން މިބައްޔަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވަނީ ހއ.އުލިގަމާއި، ށ.ނަރުދުއާއި އެއަތޮޅު މިލަންދުއިންނެވެ. ނަރުދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޢާންމުންގެ ތެރޭގައި ބަލިފެތުރެމުންދާ ރަށެއްގެ ގޮތުގައި ވަނީ އެންއީއޯސީން ނިންމާފައެވެ. ނަމަވެސް އެރަށުގައި ބަލި ފެތުރެމުންދާގޮތް ދެނެގަނެވިފައިވާކަމަށް އެސެންޓަރުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުގައި ކޯވިޑް-19 ފެތުރެން ފަށާފައިވަނީ އުތުރަށް ދަތުރުކުރި އަމާޒު ބޯޓްގެ ކެޕްޓަން، ބައްޔަށް ޕޮޒިޓިވެ އޭނާއާ ސީދާ ދިމާވި މީހުން ދެނެގަތުމުގެ ތެރެއިންނެވެ. އަމާޒު ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ވަނީ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެންނަން ފަށާފައެވެ. އިތުރު ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.