ވިޔަފާރި

މިފްކޯއިން މަސްވެރިންނަށް ނުދެވި ހުރި 70 މިލިއަން ރުފިޔާ ދީފި


މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ބުނެފިއެވެ.

ކޯވިޑް-19އާ ގުޅިގެން މި މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އޮތުމުން ދަތުރުފަތުރުކުރުން ހުއްޓާލާފައި ވާތީ، މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވިކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. އެހެންކަމުން މަސްވެރިންނަށް ދޭން ޖެހިފައިވާ ފައިސާގެ ތެރެއިން އެއްބައި މިިދިޔަ ހަފްތާގައި ހަވާލު ކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ. މިއީ މިދިޔަ މަހުގެ 26 އިން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ބައެކެވެ. އަދި މަސްވެރިންނަށް ދޭން ޖެހޭ އިތުރު ފައިސާ އެބަހުރިކަމަށާއި އެ ފައިސާ އަންނަ ހަފްތާގައި ދޭން މަސައްކަތް ކުރަމުންދާކަމަށްވެސް މިފްކޯއިން މައުލޫމާތުދެއެވެ.

މަސްވެރިންނަށް މިފްކޯ އިން އަބަދުވެސް ފައިސާ ހަވާލުކުރަނީ ނަގުދު ފައިސާއިންނެވެ. ކޯވިޑް-19އާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުތައްކުރުން އެޗްޕީއޭއިން މަނާކުރި ނަމަވެސް، މަސްވެރިކަން ކުރާ ދޯނިފަހަރުތައް މަހަށް ދިއުމުގެ ހުއްދަ ދޭން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.