ޤައުމީ އެއަރލައިން މޯލްޑިވިއަން އިން އަތޮޅުތަކުގެ އެއަރޕޯޓްތަކަށް ބާއްވަން ނިންމި ކާގޯ ފްލައިޓްތަކުގައި، ކަރަންޓީން ފެސިލިޓީތަކުގައި ހޭދަކުރަންޖެހޭ މުއްދަތު ފުރިހަމަވުމުން ދޫކޮށްލާ މީހުން ވެސް ގެންދާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މޯލްޑިވިއަން އިން އަތޮޅުތަކަށް ކާގޯ ދަތުރުތަކެއް ކުރުމަށް ނިންމާފައިވަނީ ރަށްރަށް ބޭނުންވާ މުދާ ގެންދިއުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.
އަދި މިދަތުރުތަކުގައި އަތޮޅުތަކަށް ގެންދާ މުދަލަކީ ކައުންސިލްތަކުން އެލްޖީއޭއާއި ހިއްސާކޮށްފައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް ގެންދާ މުދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އަތޮޅުތަކަށް މުދާ ގެންދިއުމަށް ބާއްވާ ފްލައިޓްތަކުގައި ކަރަންޓީންގެ މަރުހަލާ ފުރިހަމަކޮށް ދޫކޮށްލާ މީހުންގެ ތެރެއިން އަމިއްލަ އަތޮޅަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު މޭލެ ސަރަޙައްދު ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާތީ ރަށްރަށް ނުދެވިފައިތިބި މީހުންނަށް ރަށަށް ދެވޭނެ އިންތިޒާމް ހަޖެއްސުމަށް ކައުންސިލްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ރާއްޖޭގެ ރަށްރަށަށް މުދާ ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ވިޔަފާރިވެރިން ދަނީ ފާހަގަކުރަމުންނެވެ. އަދި އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް މުދާ ގެންދެވޭނެ އިންތިޒާމް ސަރުކާރުން މިހާރު ވަނީ ފަހިކޮށްދެއްވާފައެވެ.