ޚަބަރު

ކޯވިޑް-19 : މާލެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި މާބަނޑު މީހެއް


މާލެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާލެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި 42 އަހަރުގެ މާބަނޑު މީހަކު ހިމެނޭ ކަމަށެވެ. އެމީހާގެ ހާލު ވަރަށް ކައިރިން ބަލަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެ މީހާގެ ފިރިމީހާވެސް އިއްޔެވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެ ދެމީހުންގެ ދަރިއަކުވެސް މިބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

މި އެންމެންވެސް މިހާރު އައިސޮލޭޝަން ފެސިލިޓީސްތަކަށް ގެންދެވި ފަރުވާދެމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ މިބަލީގައި މިހާތަނަށް އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވް ނުވާކަމީ އޮތް ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ. މިބަލީގެ ނުރައްކާ އުރުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ބޮޑުވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވުމާއެކު އެފަދަ މީހުންގެ ކަންކަން ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 34 މީހެކެވެ. އޭގެ ތެރެއިން 14 މީހުންނަކީ މާލެ އިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ. މީގެ ތެރޭގައި ބިދޭސީއަކުވެސް ހިމެނެއެވެ.