ޚަބަރު

ކޯވިޑް-19 : އަނެއްކާވެސް 2 ދިވެއްސަކު ޕޮޒިޓިވްވެއްޖެ


އަނެއްކާވެސް އިތުރު 2 ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިފަހަރު ޕޮޒިޓިވްވި ދެމީހުންނަކީވެސް މާލެއިން، ކޯވިޑް-19އަށް ޕޮޒިޓިވްވި 3ވަނަ މީހާއާ ސީދާ ދިމާވި މީހުންގެތެރެއިން މިބައްޔަށް ޕޮޒިޓިވްވި ދެމީހުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިރޭ ޕޮޒިޓިވްވި ދެ މީހުންނަކީ ރާއްޖޭގެ "ކޭސް23"ގެ ގޮތުގައި ފާހަގަކުރެވިފައިވާ ބަލިމީހާއާ ސީދާ ދިމާވި ދެމީހުންކަމަށެވެ.

ބައްޔަށް ޝައްކުކުރެވިގެން ކަރަންޓީނުކޮށްފައިވާ މިދެމީހުން މިހާރު ފަރުވާ ދިނުމަށްޓަކައި އައިސޮލޭޝަނަށް ބަދަލުކޮށްފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ.

މާލެއިން ކޯވިޑް-19 އަށް ފުރަތަމަފަހަރަށް މީހާކު ޕޮޒިޓިވްވީކަން ހާމަވީ މިދިޔަ ބުދަދުވަހުއެވެ. އެދުވަހުގެ ރޭވަނީ އިތުރު ދެމީހަކު ޕޮޒިޓިވްކަން ހާމަވެފައެވެ. މި 3 މީހުންނާ ސީދާ ދިމާވި މީހުންގެ ތެރެއިން ރިސްކުބޮޑު 82 މީހަކު ފާހަގަ ކުރެވިފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ވިދާޅުވެފައެވެ.

އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ މާލެއިން ފުރަތަމަ ޕޮޒިޓިވްވި 3 މީހުންނާ ސީދާ ދިމާވި ގިނަބަޔަކު ދެނެގަނެވިފައިވާކަމަށެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 2 މީހުންނާ ސީދާ ދިމާވި މީހުންގެ ތެރެއިން 75 މީހުން، ހައި ރިސްކް މީހުންގެ ގޮތުގައި ބެލެވޭކަމަށެވެ. އަދި މީޑިއަމް ރިސްކު މީހުންގެ ގޮތުގައި 43 މީހަކު ފާހަގަކުރެވިފައި ވާކަމަށާ، ލޯ ރިސްކު މީހުންގެގޮތުގައި 89 މީހަކު ފާހަގަ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ މިހާގިނަ ޢަދަދެއްގެ ބަޔަކު ބަލިޖެހިފައިވާ މީހުންނާ ސީދާ ދިމާވެފައިވާކަން ފާހަނގަކުރެވި މީހުން އެކަހެރިކުރެވެމުންދަނީ މިމީހުންގެ ފަރާތުން ފެނުނު ކަންތައްތަކަށް ބެލުމަށްފަހުކަމަށެވެ.

މިމީހުންގެ ތެރޭގައި މިޙާލަތުގައިވެސް ބައެއް އެއްވުންތައް ބާއްވައި އެކަންކަމުގައި ބައިވެރިވެފައިވާ މީހުން ހިމެނޭކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މަސްދަތުރުތަކާއި ޕާޓީތަކާއި އެއްވެގެން ފިނިބުރުޖެހުންފަދަ ކަންކަމުގައި ބައިވެރިވި މީހުން ހިމެނޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.