ޚަބަރު

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެއިން ވާދަކުރަނީ


2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެއިން ވާދަކުރަން ނިންމައިފިއެވެ. ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ޖަމްއިއްޔާގެ އާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެއިން ވާދަކުރުމަށް ނިންމާ އެކަމަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖެއިން ރައީސް ކަަމަށް ނެރޭނެ ބޭފުޅަކު އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވިނަމަވެސް ނެރޭ ކެންޑިޑޭޓަކީ އެހެން ޤައުމުތައްވެސް ބަލައިގަންނަ ބޭފުޅަކަށް ވެގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖެއިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވާދަކުރާނެ ކަންވެސް އިއުލާނުކޮށްފައެވެ.

އދ.ގެ އާންމު މަޖިލީހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދާ ، ޤައުމުތަކުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ކުރާ ކައުންސިލެކެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލްވެސް މަސައްކަތް ކުރައްވަނީ އާއްމު މަޖިލީހުގެ ރައީސްގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ސަރުކާރުން އަންނަނީ ބައިނަލްއަޤުވާމީ ދުނިޔެއާއި ރާއްޖެއާއި ހީނަރުވެފައިވާ އޮތް ގުޅުން އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އދ އާއްމު މަޖިލީހުގައި ރާއްޖޭގެ އިސްވެރިޔަކު ތަގްރީރު ނުކުރައްވާތާ 7 އަހަރު ފަހުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އަހަރު އދ. އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެން އެމަޖިލީހުގައި ތަޤްރީރުކުރައްވާފައެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެއިން ކުރިމަތިިލާން ނިންމީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ރައީސްކަމަށް ކުރިމަތިލާނެ ކަމުގެ ޝައުޤުވެރިކަން އަދި މާގިނަ ޤައުމުތަކަކުން ފާޅުކޮށްފައިނުވެއެވެ. ދިވެހިރާއްޖެއިން އދ.ގެ މެމްބަރަކަށްވެފައި ވަނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.