މިއަހަރުގެ މާރޗްމަހު މީރާއަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ، ލިބުނު އާމްދަނީ 20.3 އިންސައްތަ ދަށްވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗްމަހު އެ އޮޓޯރިޓީން 1.11 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މި އަދަދަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %26.9 ދަށް އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %20.3 ދަށް އަދަދެއްކަމަށް މީރާއިން ބުނެއެވެ.
މިއަހަރުގެ މާރޗް ލިބިފައިވާ އާމްދަނީ ދަށްވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުވުމުން އެ މުއްދަތުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް ލަސްވުމާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %11.1 ދަށްވެފައިވުމުންކަމަށް މީރާއިން މައުލޫމާތުދެއެވެ.
މާރިޗުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57.3 ނުވަތަ 637.67 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 131.64 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 81.38 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 74.04 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މީގެއިތުރުން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 128.68 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެއެވެ. މާރިޗު މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.