ބ.އޭދަފުށި އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތާއި ދ.ކުޑަހުވަދޫ އަދި ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ބީލަން ހުށައެޅުމުގެ މުއްދަތު ފިނޭނެސް މިނިސްޓްރީން އިތުރުކޮށްފިއެވެ. މި 3 ޕްރޮޖެކްޓަކީ ލާމަރުކަޒީކޮށް ސިއްޚީ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކެކެވެ.
ބ.އޭދަފުށީ އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތާއި ދ.ކުޑަހުވަދޫ އަދި ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލްތަކުގެ އައު އިމާރާތް ތަރައްޤީކުރުމަށް އެދި ހުށައަޅާ ޑޮކިއުމަންޓްތައް ހުށައެޅުމަށް އެންމެ ފުރަތަމަ ހުޅުވާލީ 25 މާރިޗުގެ ނިޔަލަށެވެ. ނަމަވެސް ކޯވިޑް 19ގެ ޙާލަތާއި ގުޅިގެން ސަރުކާރު ބަންދުކުރުމާއި ގުޅިގެން ދެވަނަ ފަހަރަށް މިހާރު ވަނީ ބީލަން ހުށައެޅުމުގެ މުއްދަތު މުއައްދަތު އިތުރުކޮށްފައެވެ.
ފިނޭންސްއިން ކުރި އިޢުލާންގައި ވަނީ މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން މިމަހުގެ 20އަށް ފަސްކޮށްފައިވާކަމަށެވެ. އެހެންކަމުން ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 19ގެ ނިޔަލަށް ބީލަމުގައި ބައިވެރިވާ ރެޖިސްޓްރޭޝަން ފީ ދެއްކެވޭނެ ކަމަށެވެ. ކުއްލި ޙާލަތާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ރެޖިސްޓްރޭޝަން ފީ ބަލައިގަންނަމުން ދާނީ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 9:30އިން 11:30އަށް ފިނޭންސް މިނިސްޓްރީން ކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ ޕްރޮޖެކްޓްގެ ބީލަން ހުޅުވާލުން އޮންނާނީ އޭޕްރިލް 20ވަނަ ދުވަހުގެ ހެނދުނު 10:00ގައި ނޭޝަނަލް ޓެންޑަރ ބޯޑުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
ބ.އޭދަފުށި އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތާއި ދ.ކުޑަހުވަދޫ އަދި ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލްގައި އަލަށް އަޅާ އިމާރާތްތަކަކީ 55 އެނދުގެ ޖާގައިގެ އިމާރާތްތަކެކެވެ.
ރާއްޖޭގެ 3 ސަރަޙައްދުގެ އަތޮޅު ހޮސްޕިޓަލްތަކުގައި އަޅާ އާ އިމާރާތަކީ ސިއްޙީ ޚިދުމަތްތައް ލާމަރުކަޒީ ކުރުމުގެ މަސައްކަތުގެދަށުން ހިންގަން ނިންމާފައިވާ ބިޔަ މަޝްރޫޢުއެކެވެ. ޚިދުމަތްތައް ހޯދުމަށް މާލެއަށް ބާރޯސާވާ ބަރޯސާވުން ކުޑަކޮށް، ސިއްޙީ ޚިދުމަތް ހޯދަން އާއްމުންގެ އަތުން ހޭދަވާ ފައިސާއަށް ލުޔެއް ހޯދައިދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢު އިފްތިތާޙްކޮށް، ހޮސްޕިޓަލްތަކުގެ ކޮންސެޕްޓް ދައްކާލާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ.
މި ހޮސްޕިޓަލްތައް ޤާއިމްކޮށް ނިމޭއިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، 6 ޕްރައިވެޓްރޫމްގެ އިތުރުން 3 އެނދުގެ އެންއައިސީޔޫ، 3 އެނދުގެ އައިސީޔޫ، 2 އޮޕަރޭޝަން ތިއޭޓަރ އަދި 12 އެނދުގެ 8 ވޯޑު ހިމެނިގެންދާނެ ކަމަށާއި، އަދި މީގެ އިތުރުން ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓްރާ ސައުންޑް ސްކޭން ހެދޭނެ އިންތިޒާމްތައްވެސް ހުންނާނެއެވެ.