ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ރާއްޖޭގައި ކުށް ކުރާ މިންވަރު މަދުވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސްވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވިދާޅުވެފައެވެ.
މާލޭގައި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ފުލުހުން ހިންގާ އޮޕަރޭޝަނުގައި ބައިވެރިވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ، ކޯވިޑް-19ގެ ހާލަތާއިއެކު ފުލުހުން ބޭރަށް ނުކުމެ ހަރަކާތްތެރިވާ މިންވަރު ކުރިއަށްވުރެ އިތުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. ސީޕީ ވިދާޅުވީ، މިއީ ކުށް ކުރުން މަދުވުމުގެ އެއް ސަބަބު ކަމަށް ބެލެވޭ ކަމަށެވެ. އަދި މީގެ އިތުރުން ދަތުރުފަތުރުކުރުން މަދުވުމާއި ވައިގެ ދަތުރުތައްވެސް މުޅިންހެން ހުއްޓާލާފައިވުމުން، މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގުމަށް ހުރަސްތައް ދިމާވުމަކީވެސް ކުށް މަދުވާން ދިމާވެފައިވާ ސަބަބެއް ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ގިނައިރު، މިހާލަތުގައި އެމީހުންނަށް އެތަކެތި ލިބުމުގައި ދިމާވާ ދަތިތަކާއެކު އެމީހުންގެ ފަރާތުން އިޖުތިމާޢީގޮތުން ކުރިމަތިވާނެކަންކަމަށް ދުރާލާ ތައްޔާރުވެ ޕްލޭންތައް ހަދާފައިވާކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އެއްވެސް ބަޔަކު ކުށެއް ކުރާކަން އެނގޭނަމަ އެކަން ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު ގެއިން ބޭރަށް ނުކުމެ އުޅުން ބައެއް ވަގުތުތަކުގައި މަނާކޮށްފައިވާއިރު، މިކަމުގެ ސަބަބުން ދިމާވެދާނެ އިޖްތިމާޢީ މައްސަލަތަކާއި ގެވެށި އަނިޔާއާއި އެނޫންވެސް އެފަދަ ކުށްތައް ހުއްޓުވައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ފުލުހުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުން ވަނީ ޕޮލިސް ސްޓޭޝަންތަކަށް ނުގޮސް އޮންލައިންކޮށް މައްސަލަތައް ރިޕޯޓު ކުރެވޭނެ ގޮތްވެސް މިހާރު ހަދާފައެވެ.