ޚަބަރު

ކޯވިޑް-19 : ލަންކާގައި ތިބި ދިވެހިން ވިސާގެ މުއްދަތު އިތުރުކުރުމަށް އިމިގްރޭޝަނަށް ނުދިއުމަށް އަންގައިފި


ލަންކާގައި ތިބި ދިވެހިން ވިސާގެ މުއްދަތު އިތުރުކުރުމަށް އެ ޤައުމުގެ އިމިގްރޭޝަންގެ ވިސާ ޑިވިޜަނަށް ނުދިއުމަށް އަންގައިފިއެވެ.

ލަންކާގައި ތިބި ދިވެހިންނަށް ވިސާގެ މުއްދަތު އިތުރުކުުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފޮރިން މިނިސްޓްރީއިން ވިދާޅުވީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ޤައުމުގައި މިވަގުތު ތިބި ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 12 މެއި 2020 އަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ.

އެހެންކަމުން، ފޮރިން މިނިސްޓްރީން ވަނީ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތައް އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، ކުރިން އަންގާފައި އޮތް ގޮތަށް ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޜަނަށް ނުދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލް އެފަރާތްތަކާ ހިއްސާ ކުރައްވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި 12 މެއިގެ ކުރިން ސްރީލަންކާއިން ފުރަން ބޭނުންނަމަ، ވިސާ ފީ އެއާޕޯޓުން ދެއްކޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ "އެކްނޮލެޖްމެންޓް" ތަކުގެ މުއްދަތު ވެސް ވަނީ 12 މެއި 2020 ގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި މި ތާރީޚުގެ ކުރިން ފުރަން ގަސްދުކުރާނަމަ، "އެކްނޮލެޖްމެންޓް" ގެ ކޮޕީއަކާއި ދަތުރުކުރަން ހަމަޖެހިފައިވާ ޓިކެޓުގެ ކޮޕީއަކާއިއެކު، ޕާސްޕޯޓު އަނބުރާ ހޯދުމަށް އެދި ސްރީލަންކާގެ އިމިގްރޭޝަން އޮފީހަށް މެއިލް ކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

12 މެއިގެ ކުރިން ސްރީލަންކާއިން ފުރަން ބޭނުންވާ ފަރާތްތަކުން ލިޔެކިއުންތައް މެއިލްކުރަންޖެހޭ އީމެއިލްތައް:

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 94771588724+ އާ ގުޅުމަށް ވެސް ވަނީ އަންގާފައެވެ.

ފޮރިން މިނިސްޓްރީއިން ވަނީ، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސްރީލަންކާގައި މިވަގުތު ތިބި ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަައްވާފައެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަން މިނިސްޓްރީއިން ފާހަގަކުރެއެވެ.