ރާއްޖޭގައި ހިންގަމުންދާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކިންވުން ވަކި މުއްދަތެއް ނެތްގޮތަށް ހުއްޓާލުމަށް އަންގަވައިފިއެވެ.
ރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެދަށުން މިގޮތަށް ނިންމާފައިވީނަމަވެސް މިހާރު މިފަދަ ތަންތަނުގައި ޗެކިންވެފައިތިބި ބިދޭސީ ފަތުރުވެރިންނަށް ބުކިންގ ހަދާފައިވާ މުއްދަތުގައި ތިބެވޭނެކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.
މި ނިންމުން ތަންފީޒްކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެޗްޕީއޭއިންވަނީ ހުރިހާ ގެސްޓް ހައުސްތަކަށާއި ސިޓީ ހޮޓާތަކަށް އަންގާފައެވެ. މީގެއިތުރުން ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތަކާ ދެމެދު ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައިވަނީ ރާއްޖެއަށް އޮންއެރައިވަލް ވިސާދިނުންވެސް ހުއްޓާލާފައެވެ. އެހެންކަމުން މިހާރު ރާއްޖެއަށް ފަތުރުވެރިން އައުންވެސް ވަނީ ހުއްޓިފައެވެ.