ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ޓެސްޓުނުކޮށް ބޭހާއި ވެކްސިން ބޭނުން ނުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ގޮވާލައްވައިފިއެވެ. ޑަބްލިއުއެޗްއޯއިން ވަނީ މިހާތަނަށް އައިރު 2 މިލިއަނަށް ވުރެ ގިނަ ސިއްޙީ އެހީތެރިކަމުގެ ސާމާނު 74 ޤައުމަކަށް ފޮނުވާފައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރިއޯސިސް ވަނީ އެ ޖަމްޢިއްޔާގެ ސޮލިޑާރިޓީ ފަންޑަށް 100 މިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. މިވަގުތަކީ ކޯވިޑް-19ގެ ފަރުވާއަކަށް އެންމެ ބޭނުންވެފައިވާ ދަނޑިވަޅުކަން ފާހަގަކުރައްވާ ޓެޑްރޯސް ވަނީ އެޖަމްއިއްޔާއިން މިބައްޔަށް ބޭހާއި ވެކްސިން ތައްޔާރުކުރުމަށް ސޮލިޑާރިޓީ ޓްރައިލް ސްޕޭންގައި ފަށާފައި ވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި މަސައްކަތުގައި ޖުމްލަ 45 ޤައުމުން ބައިވެރިވާކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.
ބައެއް ޤައުމުތަކުގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ޓެސްޓް ނުކުރާ ބޭހާއި ބޭސް ބޭނުންކުރާކަން ފާހަގަކުރައްވާ ޓެޑްރޯސްވަނީ މިކަން ނުކުރުމަށް ގޮވާލައްވާފައެވެ. އެކަށޭނަ ބޭހާއި ވެކްސިންއެއް ތައްޔާރުކުރުމަށް ޝޯޓްކަޓެއް ނެތްކަން ފާހަގަކުރައްވާ ޓެޑްރޯސް ވަނީ ޑަބްލިއުއެޗްއޯގެ ސޮލިޑަރިޓީ ޓްރައިލްގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ. މި ދަނޑިވަޅުގައި މިފަދަ ގޮތަކަށް އަމަލުނުކޮށްފިނަމަ އެބޯލާ ބަލިމަޑުކަމުގައި ކުރިމަތިވިފަދަ ޙާލަތެއް ދިމާވުމަކީ އެކަށީގެންވާކަމެއްކަމަށް ޓްޑްރޯސް ވިދާޅުވިއެވެ.
"އެބޯލާގައި ފެނިގެން ދިޔައީ ޓެސްޓް ނުކޮށް ބޭނުންކުރި ބޭސްތައް ބެކްފަޔަރ ކުރުން. މި ވަގުތު ބޭނުންވަނީ ކޯވިޑް-19 އަށް ޓެސްޓްކުރެވިފައިވާ ބޭސްތައް. މި ނޫން ބޭހެއް ބޭނުން ނުކުރޭ. ނެތް މިކަމުގައި ޝޯޓްކަޓެއް." ޓެޑްރޯސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ނޫސްވެރިން ބައިވެރިވެފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.