ޚަބަރު

ކޯވިޑް-19: 12 ދުވަސް ފަހުން ހިތްދަތި ދުވަހެއް


ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އިން ރައްކާތެރިވުމަށް ދުރާލައި ތައްޔާރުވަމުންދިޔަ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ޤައުމެކޭ ބުނެވިދާނެއެވެ. 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދިޔަ މިބައްޔަށް ޕޮޒިޓިވް މީހަކު ރާއްޖެއިން ފެނިފައިވަނީ މިއަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ.

ކޯވިޑް-19 ރާއްޖެ އެތެރެވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދަނިކޮށް ރާއްޖެއިން މިބަލި ފެނުމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުންވަނީ ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މާޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ވަނީ 13 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މި އެންމެންނަކީވެސް ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރަމުންއައި ބިދޭސީންނެވެ. މި މީހުންގެ ގައިން މި ބަލި ފެނުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ބަލިފެތުރުނަނުދީ ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން އަޅަމުންދިޔަ ފިޔަވަޅުތަކާއެކު ރާއްޖެއިން މިބަލި ހުރި އިތުރު މީހަކު ނުފެނި ފާތުވި 12 ދުވަސްވަނީ ހޭދަވެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސަރުކާރު ބަންދުކޮށް، މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ދެމުންދިޔަ ކެއިން ބުއިމުގެ ޚިދުމަތް މެދުކަނޑާލައި، ސްކޫލުތަކާއި ކޮލެޖްތައްވެސް ސަރުކާރުންވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކަށް މީހުން އަރައިފޭބުން މަނާކޮށް ރާއްޖެއަށް ބޭރުގެ އެއްވެސް މީހަކަށް އެތެރެނުވެވޭ ގޮތަށް ދަތުރުފަރުވެސް ވަނީ ހުއްޓާލާފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް ކަމާއިބެހޭ ފަރާތްތަކުން އަޅާފައިވާ މިފިޔަވަޅުތަކާއިއެކު މިމަހުގެ 15ވަނަ ދުވަހުން ފެށިގެން 27ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. ނަމަވެސް މިއަދު އިތުރު މީހަކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވިއިރު، މިއާއެކު މުޅި ރާއްޖެއަށްވެސް ލިބިގެންދިޔައީ ކަންބޮޑުވާފަދަ ޚަބަރެކެވެ. ފުރަތަމަ ފަހަރަށް ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވްވި ޚަބަރެވެ. އިނގިރޭސިވިލާތުން މިމަހުގެ 22ވަނަ ދުވަހު އެނބުރި ރާއްޖެއައި މިމީހާއަށް މިހާރު ދަނީ ރާއްޖޭގައި ފަރުވާ ދެމުންނެވެ.

ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވްވެ ޢާންމުން މިކަމަށް އިތުރަށް ސަމާލުވާންޖެހިފައިވާއިރު، ރާއްޖޭގައި މިބަލި ފެތުރި ކަންބޮޑުވާ ޙާލާތަކަށް އަދި ނުދިޔަ ނަމަވެސް މިއީ ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް މިވަނީ އިތުރަށް ސަމާލުވާން ޖެހިފައެވެ. ނޫންނަމަ މިފަދަ އިތުރު ހިތްދަތި ދުވަސްތަކެއް ފެނުން އެކަށީގެންވެއެވެ.

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންވަނީ މިދަނޑިވަޅުގައި ރައްޔިތުން ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. މިނިސްޓަރ ވަނީ މިބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާއާއި އަދި މިހާރުވެސް ފަރުވާދެމުންދާ އިތުރު މީހުންނަށް ފަރުވާދިނުމަށް ރާއްޖޭގެ ޑޮކްޓަރުންގެ ޓީމުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާފައެވެ.

ކޯވިޑް 19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 16 މީހެއް

  • 7 މާރޗް 2020 ކުރެއްދޫ އިން 2 މީހުން
  • 9 މާރޗް 2020 ބަތަލާ ރިސޯޓުން 2 މީހުން
  • 9 މާރޗް 2020 ކުރެއްދޫއިން އިތުރު 2 މީހުން
  • 11 މާރޗް 2020 ކުރަމަތި ރިސޯޓުން 2 މީހުން
  • 13 މާރޗް 2020 އަނަންތަރާ ދިގު ރިސޯޓުން 1 މީހުން
  • 14 މާރޗް 2020 ކުރެއްދޫއިން 1 މީހުން
  • 15 މާރޗް 2020 އަންނަތާރާ ދިގު ރިސޯޓުން 3 މީހުން
  • 27 މާރޗް 2020 އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 27 މާރޗް 2020 ރާއްޖެއިން ފުރައިގެންދިޔަ އިޓަލީ 2 މީހެއް

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 5 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 9 މީހެކެވެ. ބަލިން ރަނގަޅުވި މީހުން ދޫކުރުމަށް ހަމަޖެހިފައިވަނީ 30 ދުވަހު ކަރަންޓީން ކުރުމަށްފަހުގައެވެ.

ބަލިޖެހިގެން ރަނގަޅުވި މީހުން

  • 20 މާރޗް 2020 2 މީހަކު ބަލިން ރަނގަޅުވެފަ
  • 21 މާރޗް 2020 ކުރެއްދޫއިން ޕޮޒިޓިވްވި މީހެއް ރަނގަޅުވެފަ
  • 23 މާރޗް 2020 އިތުރު 2 މީހަކު ރަގަޅުވެފަ
  • 25 މާރޗް 2020 3 މީހަކު ރަނގަޅުވެފަ

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއެކު، ކަމާ ގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުއަހައި އެފަރާތްތަކަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.