ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ)ގެ މަޤާމަށް ގ.ހާފްސީ މުއުމިނާ އާދަމް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަވަމުންގެންދަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް، މުއުމިނާ އާދަމް ޢައްޔަންކުރައްވާފައިވަނީ މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައެވެ.
މުއުމިނާ އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު"ގެ މެންބަރުކަމާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމް.ބީ.ސީގެ، މެންބަރުކަން އަދާކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ މީޑިޔާ ދާއިރާއާ ކުޅިވަރުގެ ދާއިރާގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ.
މުއުމިނާ އާދަމް ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2014 ވަނަ އަހަރު ޙާޞިލުކުރައްވާފައެވެ. އަދި އޭނާ ވަނީ 2019ވަނަ އަހަރު ރެހެންދި އެވޯޑުވެސް ޙާޞިލު ކުރައްވާފައެވެ.