ކޯވިޑް-19 ގެ އަލާމާތްތަކެއް ހުރެގެން އަނަންތަރަ ދިގު ރިސޯޓުން ޓެސްޓުކުރި ބިދޭސީއަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު މިވަނީ 9 އަށްއަރާފައެވެ. މިހާތަނަށް ރާއްޖެއިްނ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްއުޅުނު ފަތުރުވެރިންތަކަކާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ އަނަންތަރަ ރިސޯޓުން ޕްޒެޓިވްވި މީހާއި ބައްދަލުވި 11 މީހަކު އެރިސޯޓުން އެކަހެރިކުރުމަށް ނިންމައި އެރިސޯޓް މޮނިޓަރިންއަށްލާފައިވާކަމަށެވެ.
މީގެ ކުރިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތައް ފެނިފައިވަނީވެސް ރިސޯޓްތަކުންނެވެ. އެގޮތުން 4 މީހަކު ކުރެއްދޫ ރިޒޯޓުން ޕޮޒެޓިވްވެފައިވާއިރު، 2 މީހަކު ޕޮޒެޓިވްވީ ބަތަލާ ރިސޯޓުންނެވެ. ދެން ޕްޒިޓިވް ދެކޭސް ފެނުނީ ކުރަމަތި ރިސޯޓުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އެކަހެރިކޮށް މޮނީޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެޗްޕީއޭއިންވަނީ ރޭގެ ވަގުތެއްގައި ހާމަކޮށްފައެވެ. އެ ދެމީހުން އެކަހެރިކޮށްފައިވަނީ ރާއްޖެ އެތެރެވުމުގެ ކުރިން އެ 2 މީހުން ކޯވިޑް-19އަށް ޕޮސިޓިވްވެފައިވާ މީހަކާއި "ކޮންޓެކްޓް" ވެފައިވާތީ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ކޯވިޑް-19 އަށް ޕޮޒިޓިވް ވީ ފަތުރުވެރިއަކާއި "ކްލޯސް ކޮންޓެކްޓް" ވެފައިވާ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަން އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާ ގޭގައި އެކަހެރިކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19ގެ ސަބަބުން އެކި މީހުންގެ ގައިން 91 ސާމްޕަލްވަނީ ނަގާފައެވެ. މީގެތެރެއިން 9 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 81 ސާމްޕަލްވަނީ ނެގެޓިވްވެފައެވެ. އަދި ވައިރަސް ހުރި މީހަކާއި ބައްދަލުވެފައިވާ މީހުންގެ ގޮތުގައި ބަލާ ކޮންޓެކްޓް ޓްރޭސިންގ ކުރެވިފައިވާ މީހުންގެ އަދަދު 250 އަށްވުރެ މިހާރުމިވަނީ އިތުރުވެފައެވެ.