އިޢާދަކުރަނިވި ހަކަތައަށް ބަރޯސާވެވޭނެހެން ރާއްޖޭގެ ހަކަތައިގެ ސިނާޢަތް ބައްޓަންކުރަންޖެހޭކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ މިިހެން ވިދާޅުވީ، އެސޯސިއޭޝަން އޮފް އެނަރޖީ އިންޖިނިއާޒްއާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގި ސެޓިފައިޑް އެނަރޖީ އޮޑިޓް ޓްރެއިނަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގި ސެޓިފައިޑް އެނަރޖީ އޮޑިޓް ޓްރެއިނަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި ލިބެމުންދާ ގެއްލުންތަކާއި ހަކަތަ ބޭނުންކުރާގޮތާއި ގުޅިލާމެހިފައިވާކަަމަށެވެ. އެގޮތުން ރާއްޖޭގެ ހަކަތައިގެ ސިނާޢަތަށް ބަލާއިރުވެސް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ އެންމެ މަތީ މިންވަރު ގާތްގަނޑަކަށް 280 މެގަވޯޓަށް އަރާއިރު، އޭގެ ތެރެއިން 7.7 ޕަސެންޓް ފިޔަވާ ދެން ހުރި ހުރިހާ ހަކަތައެއްވެސް އުފައްދަނީ ތެޔޮ އަންދައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ކުދި ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ނިސްބަތުން މަދުވިނަމަވެސް ބަައިނަލްއަޤްވާމީ މައިދާނުގައި މިފަދަ ކަންކަމުގައި ވަކާލާތު ކުރަން ބޭނުންނަމަ ހަކަތައިގެ ސިނާޢަތުގައި ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް މަދުކުރަންޖެހޭކަމަށެވެ. އަދި އިޢާދަކުރަނިވި ހަކަތައިގެ ސިނާޢަތް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަޖެހޭ އިޢާދަކުރަނިވި ހަކަތައަށް ބޮޑުގޮތަކަށް ބަރޯސާވާން އަޅުގަނޑުމެންގެ ހަކަތައިގެ އިންޑަސްޓްރީ ތަރުތީބުކުރަން. އެކަމަށްޓަކާ މިހާރު ކުރެވޭ އެންމެ މުހިއްމު މަސައްކަތަކީ ރަށްރަށުގައި ސޯލާ ޖެހުން. މިހާރު އަޅުގަނޑުމެން އެބައޮތް 5 މެގަވޮޓު ޖެހުމަށް ބަޔަކާއެއްކޮށް ސޮއިކުރަން ތައްޔާރުވެފައި. އިތުރު 21 މެގަވޮޓުގެ ސޯލާ ޖެހުމަށް އަޅުގަނޑުމެން މިދަނީ ބީލަންކޮށްގެން ތައްޔާރުވަމުން" މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.
ހަކަތައިގެ ދާއިރާއިން އޮޑިޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މީގެ ކުރިން ރާއްޖޭގައި ހިންގާފައިނެތްކަން ފާހަގަކުރައްވާ އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކަކީ ހަކަތައިގެ ސިނާޢަތް ތަރައްޤީކުރުމުގައި ލިބިގެންދާ އިތުރު ކުރިއެރުންތަކެއްކަމަށެވެ. އަދި މި ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް އެނަރޖީ އޮތޯރިޓީއާއި ގުޅިގެން ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
16 ފެބްރުއަރީ 2020 އިން 27 ފެބްރުއަރީ 2020 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް 23 ފަރާތަކުން ފުރިހަމަކޮށް ސެޓިފިކެޓް ހާޞިލުކޮށްފައިވެއެވެ.