ޚަބަރު

މަސްތުވާތަކެއްޗާއިއެކު ކެޔޮދޫއިން މީހަކު ހައްޔަރުކޮށްފި


  • އޭނާ ވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްފައި

  • ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި

މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ވ.ކެޔޮދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިން (25އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ.އަތޮޅު ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، މި މަހުގެ 18 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ، އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.