ޚަބަރު

"ވެށި ފަހި މާލެ ޕްރޮގްރާމް"ގެ ދަށުން ފްލެޓާއި ގޯތި ނުލިބޭ ފަރާތްތަކުން އެކަން އެންގުމަށް އެދިއްޖެ


"ވެށި ފަހި މާލެ ޕްރޮގްރާމް"ގެ ދަށުން މިހާތަނަށް ފްލެޓާއި ގޯތި ނުލިބޭ ފަރާތްތަކުން އެކަން ހައުސިންގ މިނިސްޓްރީން އެންގުމަށް އެ މިނިސްޓްރީން އެދިއްޖެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢު "ވެށި ފަހި މާލެ ޕްރޮގްރާމް"ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި، ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން އަރަބިއްޔާއާއި ގާކޮށިން ފްލެޓް ދޭނެކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިފައިވާ ފަރާތްތަކާއި، މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެކަމަށްބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާނުކުރެވިވާ ފަރާތްތަކުން އެ މިނިސްޓްރީއަށް އެކަން ލިޔުމުން ހުށަހެޅުމަށް ހައުންސިންގ މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެ ލިޔުމާއެކު މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާއިން ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި، އެ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހެޅުމަށްވެސް ހައުންސިންގ މިނިސްޓްރީން އެދިފައިވެއެވެ.

ވެށި ފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުންދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ ފަރާތްތަކުން އެކަން އެންގުމަށް ހައުސިންގ މިނިސްޓްރީން ފުރުޞަތު ހުޅުވާލާފައިވަނީ 22 މާރިޗު 2020 ގެ ނިޔަލަށެވެ.

ވެށި ފަހި މާލެ ޕްރޮގްރާމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިތިބި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ދަށުން 3 ކެޓެގަރީއަކުން ކުރިމަތިލުމަށް ހުޅުވާލާފައިވެއެވެ. އެގޮތުން ކުދި ބިން ތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންގެ އިތުރުން މުނިސިޕަލްޓީގެ ދަފްތަރުގައި، 30 ޖޫން 2011 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ފްލެޓާއި ގޯތި ލިބިފައިވާއިރު، ފަހުން އެ މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން އެޗް.ޑީ.ސީއާއި ހަވާލުކޮށްގެންނެވެ.