ބިޒްނަސް ޖެޓަށް އޮތް ޑިމާންޑު މިދިޔަ 10 އަހަރުގެ ތެރޭގައިވެސް މައްޗަށް ނުދާ މިންވަރަށް މިދިޔަ އަހަރު މައްޗަށް ގޮސްފައިވާކަމަށް ޖެނެރަލް އޭވިއޭޝަން މެނިއުފެކްޗަރާޒް އެސޯސިއޭޝަނުން ބުނެފިއެވެ.
ޖެނެރަލް އޭވިއޭޝަން މެނިއުފެކްޗަރާޒް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުން މިދިޔަ އަހަރު ބިޒްނަސް ޖެޓު ޑެލިވަރކުރި މިންވަރު ވަނީ 15 އިންސައްތަ މައްޗަށް ގޮސްފައެވެ. އަދި މިދިޔަ އަހަރު ތެރޭގައި ބިސްނަސް ޖެޓަށް އޮތް ޑިމާންޑު މަތިވެ، މިފަދަ ޖެޓްތައް އުފައްދާފައިވާ މިންވަރާއި، އޯޑަރުކޮށްފައިވާ ޝިޕްމަންޓުގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ.
މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ބިޒްނަސް ޖެޓު ވިޔަފާރި މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ޖެނެރަލް އޭވިއޭޝަން މެނިއުފެކްޗަރާޒް އެސޯސިއޭޝަނުން ބުނިގޮތުގައި ބިޒްނަސް ޖެޓްތަކަށް އޮތް ޑިމާންޑު މަތިވެފައިވަނީ އައު މޮޑެލްތައް ތައަރަފްކުރުމާއި، އެމެރިކާގެ އިޤްތިސާދު ވަރުގަދަވުމާއި ގުޅިގެންކަމަށެވެ. މިގޮތުން މިދިޔަ އަހަރު އެކަނިވެސް ބިޒްނަސް ޖެޓު އުފައްދާ އެކި ކުންފުނިތަކުން ތައްޔާރުކޮށް، ކަސްޓަމަރުންނަށް 809 ބިސްނަސް ޖެޓު ޑެލިވާކޮށްފައިވާއިރު، މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޮޑެތި ކޯޕަރޭޓް ޕްލޭންތައް ގަނެފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ބިސްނަސް ޖެޓު ވިޔަފާރި ވަނީ 21.1 ބިލިއަން ޑޮލަރު، ނުވަތަ 17 އިންސައްތަ އިތުރުވެފައެވެ.
ޖެނެރަލް އޭވިއޭޝަން މެނިއުފެކްޗަރާޒް އެސޯސިއޭޝަނުން ބުނީ މީގެކުރިން ބިޒްނަސް ޖެޓު ވިޔަފާރި މިހާ ރަނގަޅުވެފައިވަނީ 2008 އަހަރު ކަމަށެވެ.
މިދިޔަ އަހަރު ބިޒްނަސް ޖެޓްތަކަށް އޮތް ޑިމާންޑު އިތުރުވެފައިވަނީ އެމެރިކާގެ އިޤްތިސާދު 2.3 އިންސައްތަ އިތުރުވެ، އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުމާ ގުޅޭގޮތުން އުފެދިފައި އޮތް ނުތަނަވަސްކަމަށް އައި ލުޔަކާއި ގުޅިގެނެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ޖެޓްތައް ޑެލިވާކޮށްފައިވަނީ 67 އިންސައްތައާއެކު އުތުރު އެމެރިކާގެ ޤައުމުތަކަށެވެ، ދެވަނަ އެންމެ ގިނައިން ޖެޓް ޝިޕްމަންޓުތައް ޑެލިވާ ކޮށްފައިވަނީ 14 އިންސައްތައާއެކު ޔޫރަޕަށެވެ. މިދާއިރާ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއަހަރު ތެރޭގައިވެސް އެކި ބްރޭންޑްތަކުގެ ޕްރައިވެޓް ބިޒްނަސް ޖެޓުތަކަށް އޮތް ޑިމާންޑު އިތުރުވާނެއެވެ.