ޚަބަރު

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާާނޫނަށް އެންމެން އަހުލުވެރިވުން މުހިއްމު - ޖެންޑަރ މިނިސްޓަރ


ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ކޮންމެ މީހަކުވެސް އަހުލުވެރިވުން މުހިއްމުކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމާއި ގުޅިގެން ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ޤާނޫނަކީ މުޅި މުޖުތަމަޢު ޝާމިލުވާހެން އެކުލަވާލާފައިވާ ޤާނޫނެއްކަމަށާއި، އެ ޤާނޫނަށް ކޮންމެ މީހަކުވެސް އަހުލުވެރިވުން މުހިއްމު ކަމަށެވެ. އަދި މިފަދަ ޤާނޫނުތަކަށް ތަބާވެ ކުރިއަރުވަން މަސައްކަތް ކުރުމުން މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަދު އަމަލުކުރަން ފެށި އައު ޤާނޫނާއެކު އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިންގެ ފޮޓޯއާއި މަޢުލޫމާތު އާއްމުކުރުމަކީ ޤާނޫނީ ކުށެއްކަން ޖެންޑަރ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީޤްކުރައްވާފައިވަނީ، 20 ނޮވެމްވަރު 2019 ގައެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ މަޤްޞަދަކީ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 30 ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަހަތު ޙިމާޔަތްކުރުމަށް ޓަކައި ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް"ގެ ނަމުގައި އުފެއްދުމަށާއި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލް އުފެއްދުން ލާޒިމުކުރެއެވެ.