ޚަބަރު

ސިފައިންގެ ކޮމާންޑަރުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމުގައި ކާމިޔާބު ވެއްޖެ - މިނިސްޓަރ މާރިޔާ


ޤައުމީ ދިފާއީ ބާރުން ރައްޔިތުންނާއި ގުޅުން ހުރި ހަރަކާތްތައް އިތުރުކޮށް، ސިފައިންގެ ކޮމާންޑަރުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމުގައި ކާމިޔާބުވެފައިވާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޮމާންޑާސް ކޮންފަރެންސް 2020 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ އެމްއެންޑީއެފްއަކީ ދިވެހިން ބަަލައިގަންނަ ތަނަކަށް ހެދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މަސައްކަތުގެ ދަށުން ރީފޯމް އެންޑް ޑިފެންސް ޑޮކްޓްރީން ތަޢާރަފްކޮށް ވޭތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ޑިފެންސް މިނިިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ވޭތުވެ ދިޔަތަނުގައި އިސްލާހީ ގިނަ މަސައްކަތަކެއް ކޮށްފައިވާއިރު، މި މުއައްސަސާގެ ވަސީލަތްތައް އިތުރުކުރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރީފޯމް އެންޑް ޑިފެންސް ޑޮކްޓްރީން ތަޢާރަފްކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ. ވޭތުވެ ދިޔަތަނުގައި ގިނަ އިސްލާހީ މަސައްކަތްތަކެއް ކޮށްފައިވާއިރު، މި މުއައްސަސާގެ ވަސީލަތްތައް އިތުރުކުރުމައްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ. އެގޮތުން ގިނަ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީގައި މި މަސައްކަތް ކޮށްފައިވާނެ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާވަނީ، ޤައުމީ ދިފާއީ ބާރުން ރައްޔިތުންނާއި ގުޅުން ހުރި ހަރަކާތްތައް އިތުރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ސިފައިންގެ ކޮމާންޑަރުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމުގައި ކާމިޔާބުވެފައިވާކަަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ވޭތުވެ ދިޔަތަނުގައި ފެނުނީ ކޮންމެ ކަމެއްގައިވެސް މިނިސްޓަރުގެ ގާތުން މަޢުލޫމާތުދޭތަން. މިއަދު ޤައުމީ ދިފާއީ ބާރުން ރައްޔިތުންނާއި ގުޅުން ހުރި ހަރަކާތްތައް އިތުރުކޮށް، ސިފައިންގެ ކޮމާންޑަރުންގެ ކިބައިން ރައްޔިތުންނަށް މަޢުލޫމާތު ލިބޭނެ މަގު ފައިވެފައި މިވަނީ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ބަންޑާރަ ކޮށީގައި ކުރިއަށްދާ ކޮމާންޑާސް ކޮންފަރެންސްގައި މިނިސްޓަރ މާރިޔާއާއި، ޤައުމީ ދިފާއީ ބާރުގެ އިސް ފަރާތްތަކުގެ ސެޝަންތައް ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއެވެ.