ވިޔަފާރި

މިދިޔަ 6 އަހަރުގެ ތެރޭގައި އެންމެ ގިނަ ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރީ މިދިޔަ އަހަރު


ފާއިތުވެދިޔަ 6 އަހަރުގެ ތެރޭގައިވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 11935 ފްލައިޓް ވަނީ އޮޕަރޭޓްކޮށްފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު 2019 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރި އިންޓަނޭޝަނަލް ފުލައިޓްގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

2018 ވަނަ އަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރި އިންޓަނޭޝަނަލް ފުލައިޓްތަކުގެ އަދަދުވަނީ 15.5 އިންސައްތަ އިތުރުވެފައެވެ. މިއީ ފާއިތުވި 6 އަހަރުގެ ތެރޭގައިވެސް އެންމެ ގިނަ އަދަދެއްގެ އިންޓަނޭޝަނަލް ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރި އަހަރެވެ.

2019 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖެއަށް 13781 ފްލައިޓް ވަނީ ދަތުރުކޮށްފައެވެ. 2018 ވަނަ އަހަރު މި އަދަދު އުޅުނީ 11935 ގައެވެ. އެހެންކަމުން 2019 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރި ފުލައިޓްތަކުގެ އަދަދުވަނީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 15.5 އިންސައްތަ އިތުރުވެފައެވެ. މީގެތެރޭގައި ޗާޖަރޑް ފުލައިޓްތަކާއި ފުރައިވެޓް ފުލައިޓްތައްވެސް ހިމެނެއެވެ.

2019 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރި ފްލައިޓްތަކުގެ ތެރެއިން ޝެޑިއުލްކޮށްގެން އައިސްފައިވަނީ 12800 ފުލައިޓެވެ. މިއަދަދު އޭގެކުރީ އަހަރު އުޅުނީ 11112 ގައެވެ. ޝެޑިއުލް ނޫން ގޮތަށް ކުރި ޖެނެރަލް ފުލައިޓްތަކުގެ އަދަދު ނިމިދިޔަ އަހަރު އުޅުނީ 981 ގައެވެ. މިއީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު 19.2 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ ފުލައިޓްތަކުގެ އަދަދު:
2014 ވަނަ އަހަރު: 11714 ފުލައިޓް
2015 ވަނަ އަހަރު: 11644 ފުލައިޓް
2016 ވަނަ އަހަރު: 11811 ފުލައިޓް
2017 ވަނަ އަހަރު: 11586 ފުލައިޓް
2018 ވަނަ އަހަރު: 11935 ފުލައިޓް
2019 ވަނަ އަހަރު: 13781 ފުލައިޓް