ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަށް ހިންގުމަށް ޚާއްސަ ސްކީމެއް ޖަޕާނުން ރާއްޖެއަށް ތަޢާރަފްކޮށްފި


ރާއްޖޭގެ ތަރައްޤީގެ ދާއިރާއިން މަޝްރޫޢުތަށް ހިންގުމަށް ޙާއްސަ ގްރާސް ރޫޓް ގްރޭންޓް ޕްރޮޖެކްޓް ސްކީމެއް ޖަޕާނުން ތަޢާރަފްކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި "ގްރާންޓް އެސިސްޓެންސް ފޯރ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް"ގެ މަޢުލޫމާތު ރާއްޖޭގެ މުއައްސަސާތަކާއި، ސްކޫލް އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ވަނީ ހިއްސާކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާން އެމްބަސީގެ ޗާޖް ޑި އެފެއަރސް ކޯޖީ ކަނޭކޯ ވަނީ މި ގްރާންޓް ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރެވޭނީ 14 މިލިއަން ރުފިޔާއާކަމަށް ވިދާޅުވެފައެވެ. "ކުސަނޮވަން"ގެ ނަން ދެވިފައިވާ މި ގްރާންޓް ސްކީމްގެ ދަށުން ކުރިއަށްގެންދެވޭނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުމުރާނީ ތަރައްޤީގެ މަޝްރޫޢުތަށް އަދި ވަސީލަތްތަށް އިތުރުކުރުމުގެ މަސައްކަތްތަކަށް ކޯޖީ ކަނޭކޯ ވިދާޅުވިއެވެ. މި ގްރާންޓް ސްކީމްގެ ދަށުން ވިޔަފާރީގެ މަންފާ ލިބޭ ޕްރޮޖެކްޓްތަށް ނުހިންގޭއިރު، މި ގްރާންޓް ދޫކުރާނީ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ސަރުކާރު ސްކޫލް ހޮސްޕިޓަލް އަދި ކައުންސިލްތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގްރާންޓް ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރެވޭނީ 14 މިލިއަން ރުފިޔާ. އަޅުގަނޑުމެން 1989 ގައި މި ސްކީމް ފެށީ 32 ޤައުމުން. މި ސްކީމްގެ ދަށުން އެއްވެސް އަމިއްލަ ކުންފުނިތަކާއި ސްކޫލްތަކަކަށް ޕްރޮޖެކްޓް ހިންގުމަށް ގްރާންޓް ނުދެވޭނެ. 2018 ވަނަ އަހަރަށް އަޅުގނޑުމެންގެ ޚިދުމަތައް 30 އަހަރު މިވަނީ ވެފައި." ޖަޕާން އެމްބަސީގެ ޗާޖް ޑި އެފެއަރސް ކޯޖީ ކަނޭކޯ ވިދާޅުވިއެވެ.

1989 ވަނަ އަހަރު ފެށި މި ގްރާންޓް ސްކީމްގެ ދަށުން މިހާރު ދުނިޔޭގެ 141 ޤައުމެއްގައި ވަނީ ޕްރޮޖެކްޓްތައް ހިންގާފައެވެ. އެގޮތުން މިޔަންމާ، މޮރިޓޭނިއާ ކޮންގޯ އަދި ޕާކިސްތާން ފަދަ ޤައުމުތަކުގައި މި ސްކީމްގެ ދަށުން ވަނީ ކާމިޔާބު ޕްރޮޖެކްޓްތަކެއް ހިންގާފައެވެ.

މި އައު ގްރާންޓް ސްކީމްގެ މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މި ސްކީމަށް ޝައުޤުވެރިވާ 7 އެންޖީއޯ އަދި ސްކޫލަކުން ވަނީ އެފަރާތްތަކުގެ ޕްރޮޕޯސަލް ހުށަހަޅާފައެވެ.

އަސާސީ ޚިދުމަތްތަށް ފޯރުކޮށްދިނުމުގެ ދާއިރާއިން ޙާއްސަ ގްރާސް ރޫޓް ގްރޭންޓް ޕްރޮޖެކްޓެއް ތަޢާރަފްކޮށްފައިވާއިރި، މިދިޔަ އަހަރު އެކަނިވެސް ޖަޕާން ސަރުކާރުން ރާއްޖޭގައި ގްރާސް ރޫޓް 5 މަޝްރޫޢުއެއް ވަނީ ހިންގާފައެވެ.

މީގެ ތެރޭގައި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށްފައިވާއިރު، ށ. ފޯކައިދޫ ސްކޫލްގެ އިތުރު 2 ކްލާސް ރޫމް ވަނީ އިމާރާތްކޮށްފައެވެ.

މީގެ އިތުރުން ފިޔަވަތީގައި މިނީ ބަހުގެ ޚިދުމަތް މިދިޔަ އަހަރުގެ ތެރޭ ގްރާސް ރޫޓް ސްކީމްގެ ދަށުން ތަޢާރަފްކޮށްފައިވާއިރު، ނ. ހޮޅުދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.