ރާއްޖެއަށް އަންނަން ގަސްތުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ޙާއްސަ ޑޮކިއުމަންޓްރީއެއް ލޯންޗުކޮށްފިއެވެ.
އެމްއެމްޕީއާރުސީ އާއި ހާ ޓު ސީނު ގުޅިގެން އުފައްދާފައިވާ "ވިޒިޓް މޯލްޑިވްސް ފުރޮމް ހާ ޓު ސީނު" ޓްރެވަލް ޑޮކިއުމަންޓްރީގެ ފުރަތަމަ ސީޒަން ވަނީ އިފްތިތާހުކުރީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗުކުރި މި ޑޮކިއުމެންޓަރީއަކީ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަގްސަދުގައި ގެނެސްދޭ ޑޮކިއުމެންޓަރީއެކެވެ.
އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 23 ވަނަ ދުވަހާ ހަމައަށް ގެނެސްދޭ ހާ ޓު ސީން އަކީ ރާއްޖެއަށް އަންނަން ގަސްތުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ވީލޮގެކެވެ. މި ވީލޮގުގައި ދައްކައިދޭނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި މިއިން ކޮންމެ ރަށެއްގެ ތަފާތުކަމާއި އަދި ރަށްފުށުގެ ދިރިއުޅުމެވެ. ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ މި ދަތުރުގެ ބޭނުމަކީ ފަތުރުވެރިންނަށް ރާއްޖޭގެ ރަށްތައް އޮންނަ ގޮތާއި ރަށްރަށުގައި ފަތުރުވެރިންނަށް ކުރެވެން ހުރި ތަޖުރިބާތައް އަންގައިދިނުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ވީލޮގްގެ ފުރަތަމަ ސީޒަންގައި ދެއްކުމަށް ހަމަ ޖެހިފައިވަނީ ހއ. ހދ. އަދި ށ އަތޮޅުގެ ރަށްތަކެވެ. ޖުމްލަ 41 އެޕިސޯޑްގެ މައްޗަށް ތައްޔާރުކުރާ މި ސީޒަންގެ ކޮންމެ އެޕިސޯޑެއްގައި 45 މިނިޓްގެ ޑޮކިއުމެންޓްރީއެއް ދައްކާނެ އެވެ.
ހާ ޓު ސީންގެ ދަތުރު ކުރިއަށްދާއިރު ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކާއި ހާ ޓު ސީނު ވެބްސައިޓް އަދި ވިސިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކަށް އަޕްޑޭޓްކުރާނެއެވެ.
މި އަހަރު ޑެސްޓިނޭޝަން މާކެޓިން ސިޔާސަތުގެ މައިގަނޑު އަމާޒަކީ އެކްސްޕީރިއެންޝަލް ފަތުރުވެރިކަން ޕްރޮމޯޓް ކުރުންކަމަށް އެމްއެމްޕީއާރުސީންބުނެއެވެ. ހަމައެއާއިއެކު ރާއްޖޭގެ ރަށްތައް މެދުވެރިކޮށް ވަކި ހާއްސަ ސެގްމެންޓެއްގެ ގޮތުގައި ދިވެހި ސަގާފަތް ޕްރޮމޯޓްކުރުން ވެސް ހިމެނެއެވެ.
ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުކަމުގެ ސިނާއަތުގެ އެންމެ ކާމިޔާބު އަހަރެވެ. ސަރުކާރުން ކަނޑައެޅި 1.5 މިލިއަން ފަތުރުވެރިންގެ އަމާޒު ލަފާކުރި ތާރީހުގެ 38 ދުވަސްކުރިން ހާސިލްކުރެވުނުއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖެ ވަނީ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މިފަދަ ޑޮކިއުމަންޓްރީތަކުގެ ސަބަބުން ރާއްޖެ ހިތްގައިމު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުވެ، ފަތުރުވެރިން ރާއްޖެ އައުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.